ޚަބަރު

ތ.އަތޮޅުގެ ހަފުތާރެސް ކާމިޔާބުކަމާއެކު ނިންމާލައިފި


  • ޕްރޮގްރާމް ބޭއްވީ މިމަހުގެ 11އިން 18އަށް

  • ތ. އަތޮޅުގެ 7 ރަށަކުން 21 މީހުން ބައިވެރިވި

ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ބާރުއަޅާ، ޒުވާނުން ބާރުވެރި ކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ ހަފުތާރޭސްގެ ޕްރޮގްރާމް ތ. އަތޮޅުގައި ބާއްވައިފިއެވެ.

މި ޕްރޮގްރާމަކީ މުޖުތަމަޢުގެ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އިޚްތިރާމް ކުރާ އަޅާލާ މުޖުމަޢުއެއް ބިނާކޮށް، މުޖުތަމަޢުގައި ހުރި އިޖުތިމާޢީ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ހޭލުންތެރިކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ހަފުތާރޭސްގެ ތ.އަތޮޅުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، މިމަހުގެ 11 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމުގައި ތ.އަތޮޅުގެ 7 ރަށަކުން ޖުމުލަ 21 މީހުން ބައިވެރިވިއެވެ. އެއީ، 17 ފިރިހެނުންނާއި، 4 އަންހެނުންނެވެ.

ހަފުތާރޭސްގެ މި ފަހަރުގެ ޕްރޮގްރާމުގައި ބައިވެރިން ތަމުސީލު ކުރީ ވޭމަންޑޫ، ކަނޑޫދޫ، ހިރިލަންދޫ، އޮމަދޫ، މަޑިފުށި، ވިލުފުށީގެ އިތުރުން ގުރައިދޫއެވެ.

މި ޕްރޮގްރާމުގައި ސެޝަންތައް ނަގައިދެއްވީ ކަމާއިބެހޭ އިދާރާތަކުގެ ބޭފުޅުންނާއި، ވޭމަންޑޫ ކައުންސިލުގެ އިތުރުން ވޭމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުންނެވެ.

މިފަހަރުގެ ޕްރޮގްރާމުގެ ސެޝަންތައް ތިމަރަފުށި، ގާދިއްފުށި، ދިޔަމިގިނލި، ވޭމަންޑޫ، ގުރައިދޫ، ހިރިލަންދޫ، ކިނބިދޫ، އޮމަދޫ، ކަނޑޫދޫ އަދި ވަންދޫގައި ކުރިއަށް ގެންގޮސްފައިވެއެވެ. މިޕްރޮގްރާމްގެ ތެރެއިން އެމްއެންޑީއެފުން ވަނީ ޒުވާނުން ބާރުވެރިކުރުވުމުގެ ޕްރޮގުރާމަކާއި، މޫދު ކަސްރަތު ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައެވެ. އަދި ވޮލީބޯޅަ މުބާރާތަކާއި، ރަށުތެރެ ސާފުކުރުމުގެ ހަރަކާތަކާއި، ސުކޫލު ދަރިވަރުންނަށް ޚާއްސަ ރެސިލިއެންސް ބިލްޑިންގ ސެޝަންއަކާއި އަދި މުދައްރިސުންނާއި، ބެލެނިވެރިންނާއިއެކު ތައުލީމާއި ގުޅޭ މުހިންމު މަޝްވަރާތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، މާރުކޭޓަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އެކުލެވޭ ގޮތަށް އާއިލީ ހަވީރެއްވެސް ވަނީ ބާއްވާފައެވެ.

މާލޭގައި ކުރިޔަށްގެންދިޔަ ހަފުތާރެސް ޕްރޮގުރާމު މިހާރު މިވަނީ، ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ބާއްވަން ފަށާފައެވެ. އެގޮތުން ތ. އަތޮޅުގައި ބޭއްވި މި ޕްރޮގުރާމަކީ، މިއަހަރުގެ ފުރަތަމަ ހަފުތާރޭސް ޕްރޮގުރާމެވެ. އެންމެފަހުން މި ޕްރޮގުރާމް ބާއްވާފައިވަނީ، 2022 ވަނަ އަހަރު މުލަކު އަތޮޅުގައެވެ.