ފީފާގެ ޗީފް އޮޕަރޭޓިން އޮފިސަގެ މަގާމުގައި ހުރި ކެވިން ލަމޯ އެ މަގާމުން ވަކިކޮށްފިއެވެ.
ކެވިން ލަމޯ މަގާމުން ވަކިކޮށްފައިވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާން ކުރެއްފި ފީފާ ފޯވަޑް އެންޓަރޕްރައިޒް ޕްރޮޖެކްޓާއި ދެކޮޅަށް ފާޅުގައި ފާޑުކިއުމާއި ގުޅިގެންނެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކެވިން ލަމޯ އާއިއެކު އޮތް ވަޒީފާގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭނާއަށް ކާމިޔާބީއަށް އެދޭ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާން ކުރެއްވި ފީފާ ފުޓްބޯޅަ ޕްރޮޖެކްޓަކީ ފީފާ އިން އިންތިޒާމް ކުރާ ފުޓްބޯޅަ މުބާރާތްތަކުގެ ކަންކަން ކުރިއަށް ގެންދިއުމަށް އުފައްދާ ވިޔަފާރި ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ ހިއްސާ އަމިއްލަ ވިޔަފާރިވެރިންނަށް ވިއްކާލުމަށްވެސް އޮތީ ނިންމާފައެވެ.
މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން ލަމޯ ބުނެފައިވަނީ މިއީ ވަކި ފަރުދަކަމަށް އަމާޒުކޮށް ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެއް ކަމަށާއި އަދި މިއީ ފުޓްބޯޅައިގެ މުސްތަގުބަލާއި ގުޅޭގޮތުން ރަގަޅު ނިންމުމެއް ނިންމަން ޖެހޭ ވަގުތު ކަމަށެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފީފާ އާއި ގުޅުނު ލަމޯ ވަނީ މީގެ ކުރިން ޔޫއެފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް އަދާކޮށްފައެވެ.
ފީފާ ފޯވާޑް ޕްރޮޖެކްޓާއި ގުޅިގެން ޔޫއެފާ އާއި އޭއެފްސީގެ އިތުރުން ކޮންކާކަފްގެ ގައުމުތަކުން ވަނީ އިންފަންޓީނޯ އާއި ދެކޮޅަށް ތެދުވެފައެވެ. އަދި ފީފާގެ ގިނަ މެމްބަރު ގައުމުތަކުން މި ޕްރޮޖެކްޓާއި ދެކޮޅަށް ވާހަކަ ދައްކަން ފެށުމާއިއެކު އިންފަންޓީނޯ ވަނީ އެކަމަށް މައާފަށް އެދި އެ ޕްރޮޖެކްޓް ކެންސަލްކޮށްފައެވެ.