ޚަބަރު

އެއް ދުވަސް މަތިން މޮސްކޯއަށް 620 ޑްރޯން ހަމަލާ


ރަޝިއާގެ ވެރިރަށް މޮސްކޯއަށް އަމާޒުކޮށް ޔޫކްރެއިނުން އެއް ދުވަސް ތެރޭގައި 620 އެއްހާ ޑްރޯން ހަމަލާދީފައިވާ ކަން ރަޝިއާގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ. މިއީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޔޫކްރެއިނުން ދީފައިވާ އެންމެ ވަރުގަދަ ހަމަލާތަކެވެ. މޮސްކޯގެ މޭޔަރު ސިރްގިޔޭ ސައިބިޔާނިއަން ވިދާޅުވީ، އޮގަސްޓު 17 ވަނަ ދުވަހުގެ ހަވީރުން ފެށިގެން 18 ވަނަ ދުވަހުގެ ފަތިހާ ހަމަައަށް ދިން ވަރުގަދަ ހަމަލާތަކުގައި ބޭނުންކުރި 180 ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. އަދި، އޭގެ ފަހުން ދިން 17 ޑްރޯން ހަމަލާއެއް ދިފާޢު ކޮށްފައިވާނެ ކަމުގައެވެ. މިއީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޔޫކްރެއިނުން ދީފައިވާ އެންމެ ބޮޑު ހަމަލާތައް ކަމުގައި ރަޝިޔާގެ ސަރުކާރު ނޫސް އިދާރާއިން ވެސް ސިފަކުރިއެވެ.

މޮސްކޯއަށް ދީފައިވާ ހަމަލާތަކުގައި 10 އަހަރުގެ އަންހެން ކުއްޖަކާއެކު ތިން މީހަކު ޒަޚަމުވި ކަމުގައި މޮސްކޯ ސަރަޙައްދުގެ ގަވަރުނަރު އަންދްރޭ ވަރައިބިޔޮފް ވިދާޅުވިއެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޕަވްލޮވްސްކީ ޕަސާދު ސަރަޙައްދަށެވެ. އެ ސަރަޙައްދުން ގެއެއްގައި ރޯވެ އަނދާފައިވާއިރު، ބަގަރޮދްސްކީ ޑިސްޓްރިކްޓުން އިތުރު ގެތަކަކަށާއި ގެސްޓްހައުސްއަކަށް ގެއްލުން ލިބުނެވެ. މީގެއިތުރުން، މޮސްކޯގެ އިރުމަތީގައި ހުންނަ ވައިލްޑްބެރީސް ކުންފުނީގެ ގުދަނަކަށް ވެސް ގެއްލުންތަކެއް ލިބުނެވެ. އެ ކުންފުންޏަށް ޔޫކްރެއިންގެ ހަމަލާތައް އަމާޒު ކުރަމުން ދަނީ، ރަޝިއާގެ އަސްކަރިއްޔާއިން ޑްރޯން އުފެއްދުމަށް ބޭނުންކުރާ ސާމާނު ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށެވެ.

މި ދަނޑިވަޅުގައި ރަޝިއާއިން ވެސް ވަނީ ޔޫކްރެއިނަށް ހަމަލާތަކެއް ދީފައެވެ. ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ، ރަޝިޔާއިން ދިން 147 ޑްރޯން ހަމަލާގެ ތެރެއިން 111 ޑްރޯން ވައްޓައިލާފައިވާނެ ކަމުގައެވެ. ޚަރްކީވްގެ އިޒުމް ސިޓީއަށް ދިން ހަމަލާއެއްގައި ނުވަ އަހަރުގެ ފިރިހެން ކުއްޖަކާއެކު ފަސް މީހަކު ޒަޚަމުވި ކަމުގައި ގަވަރުނަރު އޮލެހް ހިންސެހުބޮވް ވިދާޅުވިއެވެ. މީގެއިތުރުން، ވެރިރަށް ކީވް ސަރަޙައްދުގެ ބްރޮވާރީ ސިޓީގެ އޮފީސް އިމާރާތަކަށާއި ގުދަންތަކަކަށް ގެއްލުން ލިބި އަލިފާން ރޯވި ކަމުގައި އެ ސިޓީގެ މޭޔަރު އީހޯރް ސާޕޯޜްކޯ ވިދާޅުވިއެވެ.

ހަނގުރާމައިގެ ކުރީ ސަފުގައި ހަމަލާ ބަދަލުކުރުން މި ވަގުތަށް ވަނީ މަޑުޖެހިފައެވެ. އަދި، ދެ ފަރާތުގެ މެދުގައި ޞުލްޙައިގެ މަޝްވަރާތައް ވެސް މެދުކެނޑިފައިވާއިރު، ދެ ޤައުމުގެ އަސްކަރިއްޔާއިން މިހާރު ދަނީ ދުރު-ރާސްތާ ހަތިޔާރު ބޭނުންކޮށްގެން ދޭ ހަމަލާތައް އިތުރު ކުރަމުންނެވެ. އެކުވެރި ދައުލަތްތަކުގެ (އދ) ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރަޝިޔާގެ ހަމަލާތަކުގައި ޖުލައި މަހު ޔޫކްރެއިންގެ ޢާންމުންގެ ތެރެއިން 437 މީހުން މަރުވިއެވެ. މިއީ، 2022 ވަނަ އަހަރުގެ މެއި މަހަށް ފަހު އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވި މަހެވެ. އަދި، ޔޫކްރެއިންގެ ހަމަލާތަކުގައި ޖުލައި މަހު ރަޝިއާއިން 79 ޢާންމުން މަރުވި ކަމުގައި އެ ޤައުމުން ބުނެއެވެ.