ވެމްކޯގެ އިދާރީ ޚިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް "ވެމްކޯ" މޯބައިލް އެޕްލިކޭޝަން އިފްތިތާޙުކޮށްފިއެވެ.
ވެމްކޯގެ ކުނި ނެގުމާ ގުޅޭ އެންމެހާ އިދާރީ ޚިދުމަތްތައް މިހާރު އެޕް މެދުވެރިކޮށް ހޯދޭނެއެވެ. ވެމްކޯއިން ވިދާޅުވީ، މޯބައިލް އެޕްލިކޭޝަނާއެކު ވެމްކޯއިން ހޯދާ އެންމެހާ އިދާރީ ޚިދުމަތްތައް މިހާރު ފަސޭހަކަމާއެކު އޮންލައިންކޮށް ހޯދޭނެ ކަމަށެވެ.
އެގޮތުން ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމާއި، ވަކިވަކިން އުކާލާ ކުނި އުކާލުމަށް ރިކުއެސްޓް ކުރުމުގެ ކަންކަންވެސް އެޕް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި ޚިދުމަތާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށައަޅަން ބޭނުންވާނަމަ، އެކަމަށް އެދި އެޕްލިކޭޝަންގެ ޒަރިއްޔާއިން ހުށައެޅޭނެއެވެ.
މީގެއިތުރުން، ވެމްކޯގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް، ވެމްކޯގެ އެޖެންޓުންނާ ޗެޓްވެސް ކުރެވޭނެއެވެ. އެގޮތުން ރަޖިސްޓްރީ ކުރާ މައްސަލަތަކާއި، މައްސަލަތައް ގޮސްފައިވާ ހިސާބުތައް އަދި ކޮށްފައިވާ މުޢާމަލާތްތައްވެސް އެޕްގާ ފެންނަން ހުންނާނެއެވެ.
އަދި ވެމްކޯގެ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކަންކަންވެސް އެޕްލިކޭޝަނާއެކު މިވަނީ ވަރަށް ބޮޑަށް ފަސޭހަވެފައެވެ. އެގޮތުން ބިލުގެ ތަފްސީލާއި، ކުރީގެ ބިލުތައްވެސް ބަލާލެވޭނެއެވެ. އަދި އެޕްގެ ތެރެއިން ފައިސާ ދެއްކޭނެ ގޮތްތައްވެސް ހިމަނާފައިވެއެވެ. ވެމްކޯގެ އެޕްލިކޭޝަން އެޕް ސްޓޯ އަދި ގޫގުލް އެޕްއިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.
އެޕް ބޭނުން ކުރެވޭނީ، އީފާސް މެދުވެރިކޮށް ރަޖިސްޓްރީވެގެންނެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގެ އިތުރުން، ހުރިހާ ސިޓީތަކުގައިވެސް ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދެނީ ވެމްކޯއިންނެވެ. އަދި މިހާރު ވެމްކޯއިން އަންނަނީ، އާބާދީ ބޮޑު ގިނަ ރަށްތަކަށްވެސް އެ ޚިދުމަތް ފުޅާކުރަމުންނެވެ.