ކުޅިވަރު

ބްރެޒިލްގެ ލެޖެންޑް ރޮބާޓޯ ކާލޮސް އިސްލާމްވީތަ؟


ދުނިޔޭގެ މީޑިޔާތައް ރޭ ގުގުމައިގަތީ މަޝްހޫރު ރޮބާޓޯ ކާލޮސް އިސްލާމްވި ވާހަކައާއިގެންނެވެ. އެއީ ތެދެއް ހެއްޔެވެ؟ އެއް ދުވަސްވަރެއްގައި މުޅި ދުނިޔެ ދުށް އެންމެ މޮޅު އެއް ވާތު ބެކް އަދި ބްރެޒިލާއި ރެއާލް މެޑްރިޑުގެ ލެޖެންޑް ޝަހާދަތް ކިޔައި އެންމެ މަތިވެރި ދީން ކަމަށްވާ އިސްލާމްދީނަށް އެނބުރި ގަތީ ހެއްޔެވެ؟

މި ވާހަކަ ތިލަކޮށްލީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އަލީ ސާހިން އެވެ. އޭނާ ބުނާ ގޮތުން ކާލޮސް އިސްލާމްވީ މީގެ ހަތަރު ހަފުތާ ކުރިން ބްރެޒިލްގަ އެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވި އެންމެ އިސް އެއް ފަރާތަކީ ބްރެޒިލްގެ މުސްލިމުންގެ ޖަމާއަތުގެ އިސްބޭކަލެއް ކަމަށްވާ ޝައިހް ޖިހާދް ހަމަދާ އެވެ. ޝަހާދަތް ލައިދިނީ ވެސް އޭނާ ކަމަށް ޝާހިން ބުނެ އެވެ. އޭނާ ބުނާ ގޮތުން ކާލޮސް އިސްލާމްވުމުގެ ކުރިން ވަނީ އެކި ފަހަރުތަކުގެ މަތިން ޝައިހް ޖިހާދާ ބައްދަލުކޮށްފަ އެވެ. އަދި އޭނާއާ ވެސް ތުރުކީގައި ކާލޮސް އާ ބައްދަލުވި ކަމަށް ޝާހިން ބުނެ އެވެ.

އުމުރުން މިހާރު 53 އަހަރުގެ ކާލޮސް އަކީ މިހާތަނަށް ކްރިސްޓިއަނެކެވެ. އޭނާ އިސްލާމްވި ކަމަށް ދެކެވޭ ވާހަކަ އަށް ލިބޭ އެންމެ ބޮޑު ބާރަކީ މީގެ ދުވަސްކޮޅެއް ކުރިން މޮރޮކޯގެ އަންހެނެއް ކަމަށްވާ ސުހައިލާ އެތަހިރީއާ ކައިވެނި ކުރުމެވެ. ސުހައިލާ އަކީ ކާލޮސްއެކޭ އެއްފަދައިން ސްޕޭނުގައި ދިރިއުޅޭ އަންހެން ފުޓްބޯޅަ އެޖެންޓެކެވެ. ކާލޮސް ބުނީ މިއީ ޕްރޮފެޝަނަލް ގުޅުމެއްގެ ތެރެއިން އުފެދުނު ލޯތްބެއް ކަމަށެވެ.

ކާލޮސް އަކީ ހަތް ބަނޑަށް 11 ކުދިންގެ ބައްޕައެކެވެ. ހުސްވި އަހަރުދިން އިންޓަވިއުއެއްގައި ކާލޮސް ބުނެފައިވަނީ އޭނާގެ ކުދިން ގިނަ ކަމުން އެ ކުދީންގެ މަންމަ ވަކި ކުރަން ވެސް އުނދަގޫވި ކަމަށެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކާލޮސް ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 125 މެޗު ކުޅެދީ 10 ގޯލު ޖަހައިފަ އެވެ. އަދި ރެއާލް މެޑްރިޑަށް 370 މެޗުން 47 ގޯލު ޖެހި ކުޅަދާން ޑިފެންޑަރު ވަނީ އިޓަލީގެ އިންޓަމިލާނާއި ތުރުކީގެ ފެނަބާޗޭ އަށް ވެސް ކުޅެފަ އެވެ. އޭނާ އަކީ މިހާރު ރެއާލް މެޑްރިޑްގެ އެމްބެސެޑަރެކެވެ.