ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީ ކަންކަމުގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ހިރާސްތައް ނައްތާލުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، މިހާރު އެސޯސިއޭޝަންތަކުން އަންނަނީ މާލީ ކަންކަން ރަނގަޅުކުރަމުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ކުޅިވަރުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދިރާސާއެއް ހެދުމުގެ މަސައްކަތް ފެށީ 2024 ވަނަ އަހަރުއެވެ.
މީގެ ކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެސޯސިއޭޝަންތަކުގެ ހިންގުން ބޮއްސުންލައިގެންދާއިރު، އެންމެ ބޮޑަށް ފާހަގަވެފައި ވަނީ މާލީ ކަންކަން ރަނގަޅަށް ބެލެހެއްޓިފައިނުވުން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރިޕޯޓުގައި އެންމެ ބޮޑު މައްސަލަ އެއްގެ ގޮތުގައި ފާހަގަކޮށްފައިވާ މައްސަލައަކީ ކުޅިވަރު އެސޯސިއޭޝަންތައް އޮޑިޓް ނުކުރާ މައްސަލައެވެ.
މިމައްސަލަ އަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ މިހާރު ހައްލު ހޯދައިފައެވެ. އެގޮތުން ކުޅިވަރު އެސޯސިއޭޝަންތައް އޮޑިޓް ކުރުމަށް އެސޯސިއޭޝަންތަކަށް އޮޑިޓަރުން ނުލިބޭކަމަށް ބުނެ ކަންބޮޑުވުން އެސޯސިއޭޝަންތަކުން ހާމަކޮށްފައިވާއިރު، އެކަމަށް ހައްލު ގެނައުމަށް ކުޅިވަރާ ބެހޭ ވުޒާރާއާ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާއެކު ކުރި މަޝްވަރާތަކަށްފަހު، އެމްއޯސީ މެދުވެރިކޮށް އޮޑިޓަރުން މިހާރު އަންނަނީ ހަމަޖައްސައިދެމުންނެވެ.
މީގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާއިން އެސޯސިއޭޝަންތަކަށް ދޫކުރާ ފައިސާ ދޫކުރަމުން އަންނަނީ ކުއާޓަލީއެވެ. އަދި އެ ފައިސާ ކުޅިވަރު އެސޯސިއޭޝަންތަކުން ޚަރަދުކުރި ގޮތުގެ ތަފްސީލް ނުދޭނަމަ ދެން އަންނަ ކުއާޓާގައި ފައިސާ ނުލިބޭނެ ގޮތައް އިސްލާހު ގެނަސްފައިވެއެވެ.
ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ، ކުޅިވަރު ހަރުދަނާ ކުރުމަށް ގަވައިދުތަކެއް ހަދައިގެން ފުއްދާލަން ނުވިސްނާ ކަމަށާއި، އޭގެ ބަދަލުގައި ކުޅިވަރުގެ އިދާތައް ހިންގާ ފަރާތްތަކާއި ކޯޗުން އަދި އެތުލީޓުން ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ވުޒާރާއިން ހިންގަމުން އަންނަ ކަމަށެވެ.
"ކުޅިވަރުގެ ހިންގުން ހަރުދަނާ ކުރުމަށް ހަމައެކަނި ޤަވާޢިދުތަކެއް ހަދައިގެން އަޅުގަނޑުމެން ފުއްދާލާކަށް ނެތިން. ކުޅިވަރު އިދާރާތައް ހިންގަން ތިބި ފަރާތްތަކާއި، ކޯޗުން އަދި އެތުލީޓުން ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުވުމަކީ ނުހަނު މުހިންމު ކަމެއް. އެހެންކަމުން، ގަވަރނަންސް ރަނގަޅުކުރުމަށާއި، ފައިނޭންޝަލް މެނޭޖްމަންޓް ދަސްކޮށްދިނުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަން މިހާރު މިވަނީ ފަށާފައި. ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ބެލުމުގެ ދަށުން ކުރެވެމުން އަންނަ މި މަސައްކަތުގައި އެސޯސިއޭޝަންތަކުން ރަނގަޅު އެއްބާރުލުމެއް ލިބެމުން އަންނަކަން ފާހަގަކޮށްލަން. " ރާފިއު ވިދާޅުވިއެވެ.
ވަޒީރު ރާފިއު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ އިތުބާރު ހިފޭ ކުޅިވަރުގެ ވެއްޓެއް ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ. އަދި މިކަމުގައި ކުޅިވަރުގެ ހައްގުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.