ޚަބަރު

ޕާޓާގެ އެގްޒެކެޓިވް ބޯޑަށް ޝިއުރީ


  • ސަރަޙައްދީ ފަތުރުވެރިކަން ކުރިއެރުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ

  • ރާއްޖެ އިޝްތިހާރުކުރުމަށް، ލިބޭ ވަރަށް ބޮޑު ބާރެއް ކަމެއް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ، ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަމަށް އިންތިޚާބުވެއްޖެއެވެ. މިއީ އެ އެސޯސިއޭޝަނުގެ އިސް ނިންމުންތައް ނިންމުމުގައި ވިޒިޓް މޯލްޑިވްސްގެ ދައުރު ފުޅާވެ، އޭޝިއާ- ޕެސިފިކް ސަރަޙައްދުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ހަރުދަނާވެ، ބައިވެރިވުން ފުޅާވެގެންދާނެ މުހިންމު ފުރުސަތެކެވެ.

މެނޭޖިންގ ޑިރެކްޓަރ ޝިއުރީ ވަނީ އޮގަސްޓު 2025އިން ފެށިގެން ޕާޓާގެ ބޯޑު މެންބަރެއްގެ ގޮތުގައި އެ ޖަމްޢިއްޔާގެ ޕްލޭންތައް އެކުލަވާލުމުގައި އަދި ފަތުރުވެރިކަމުގެ ދާއިރާގެ ސިޔާސަތުތައް ބައްޓަންކުރުމުގައި މުހިންމު ޚިދުމަތްތަކެއް ކުރައްވާފައެވެ. އެކްޒެކެޓިވް ބޯޑުގެ މެންބަރެއްގެ ޙައިޘިއްޔަތުން، ސަރަޙައްދީ ފަތުރުވެރިކަމުގައި އިސްކަންދޭ މުހިންމު ކަންކަން ކުރިއެރުވުމުގައި ޝިއުރީ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެތެރޭގައި ފަތުރުވެރި މަންޒިލްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، އިޖާދީ އައު ވިސްނުންތަކައި، ޑިޖިޓަލް ޓެކްނޮލޮޖީއަށް ހިތްވަރުދިނުމުގެ އިތުރުން، މި ދާއިރާއިން ކުރިއަރަމުން އަންނަ ޒުވާން ލީޑަރުން ބިނާކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ މި މުހިންމު މަޤާމުގެ ސަބަބުން، ޕާޓާގެ ސަރަޙައްދީ ނެޓްވޯކުގައި ހިމެނޭ ފަތުރުވެރިކަމާ ގުޅުންހުރި އިދާރާތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، އަދި ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ކުންފުނިތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. މިއީ ރާއްޖެ އިޝްތިހާރުކުރުމަށާއި، ގުޅިގެން ހިންގޭ މާކެޓިންގ ކެމްޕޭންތައް ފުޅާކުރުމަށާއި، މާކެޓް އިންޓެލިޖެންސްގެ މަޢުލޫމާތު ޙިއްޞާކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ. އަދި އޭޝިއާ- ޕެސިފިކް ސަރަޙައްދުގެ ފަތުރުވެރިކަމުގެ ކުރިމަގު ބައްޓަންކުރުމުގައި ރާއްޖޭގެ ދައުރާއި ނުފޫޒު މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށެވެ.

ޕާޓާގެ ނެޓްވޯކާ ގުޅިގެން މަސައްކަތްކުރުމުގެ ސަބަބުން، މާކެޓްގައި އަލަށް އުފެދޭ ފުރުޞަތުތަކާއި، ފަތުރުވެރިންގެ ދަތުރުފަތުރުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް ދުރާލާ ދެނެގަތުމަށް ވިޒިޓް މޯލްޑިވްސްއަށް ފަސޭހަވެގެންދާނެ ކަމަށެވެ. މީގެ ނާތީޖާއެއްގެ ގޮތުން، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތައް ފުޅާކޮށް، އައު ދާއިރާތަކުން ފަތުރުވެރިން ޝައުގުވެރިކުރުވުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ދިރުމެއް ލިބިގެންދާ ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ވިދާޅުވެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ މަޤާމަށް ޝިއުރީ ޢައްޔަންކުރައްވާފައިވަނީ 13 ޖޫން 2024 ގައެވެ. ޕާޓާގެ ބޯޑަށް އިންތިޚާބުވެވަޑައިގަތީ، 2025ވަނަ އަހަރު އެ ޖަމްޢިއްޔާގެ ބޯޑާ ގުޅިވަޑައިގަތުމަށްފަހު ފަތުރުވެރިކަން ކުރިއެރުވުމަށްކޮށްދެވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ޕާޓާއަކީ އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ ފަތުރުވެރިކަމާ ބެހޭ އިދާރާތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، ވިޔަފާރިތަކާއި އަދި ތަޢުލީމީ ދާއިރާގެ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާ ބައިނަލްއަޤްވާމީ ނޮން-ޕްރޮފިޓް ޖަމްޢިއްޔާއެކެވެ. 1951ވަނަ އަހަރު އުފެދުނު މި އެސޯސިއޭޝަނަކީ ޒިންމާދާރު އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށްޓަކައި ވާކާލާތުކުރުމާއި، ދިރާސާތައް ކުރުމާއި، މަޢުލޫމާތު ޙިއްޞާކުރުމުގައި އެންމެ ފުންނާބުއުސް އެއް ޖަމްޢިއްޔާއެވެ.