ޚަބަރު

ރަން ނަގާ ވަޅެއްގައި ނުރައްކާތެރި ހާދިސާއެއް، އެތައް ބަޔަކު މަރު


އެފްރިކާގެ ޤައުމެއް ކަމަށްވާ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ރަން ނަގާ ވަޅެއްގި ފަސްގަނޑު ފައިބައިގެން ދިޔުމުގެ ސަބަބުން 30އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އެ ހާދިސާ ހިނގާފައި ވަނީ އެ ޤައުމާއި ކެމެރޫންއާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައެވެ.

ކެމެރޫންގެ މީޑިޔާއިން ބުނީ އެ ހާދިސާ ހިނގާފައި ވަނީ އޮގަސްޓު މަހުގެ 18ވަނަ ދުވަހު ޒަމްބޮޔި ކިޔާ އަވަށެއްގައި ކަމަށެވެ. މީހުން ސަލާމަތް ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން މަރުވެފައިވާ 30 މީހެއްގެ ހަށިގަނޑު އެ މައިންއިން ނަގާފައިވާ ކަމަށާއި، ޒަޚަމްވެފަައިވާ މީހުންނަށް ހަސްފަތާލުގައި ފަރުވާ ދެމުންދާ ކަމަށް ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އިދާރާތަކުން ބުނެއެވެ. މަރުވި މީހުންގެ ސީދާ ޢަދަދު ދެނެގަތުމަށް މި ޙާލަތުގައި އުނދަގޫ ކަމަށް ވެސް އިދާރާތަކުން ބުނެފައިވެއެވެ. ބައެއް ނޫސްތަކުން ވަނީ މަރުވި މީހުންގެ ޢަދަދު 40އަށް އަރާ ކަމަށް ވެސް ރިޕޯޓުކޮށްފައެވެ.

މައިންގެ ތެރޭގައި އަދިވެސް މީހުން ތާށިވެފައިވާ އެބަ ތިިއްބެވެ. އެ މީހުން ސަލާމަތް ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށް އިދާރާތަކުން ބުނެއެވެ. ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ރަން ވަޅުތަކުގެ ފަސްގަނޑު ފައިބައިގަތުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އެ ޤައުމުގެ ގިނަ ޢަދަދެއްގެ މީހުން މައިންކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެއެވެ. އެ ފަދަ ގިނަ މައިންތަކަކީ ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ތަންތަނެއް ނޫނެވެ. އެ މަސައްކަތަކީ ވަރަށް ނުރައްކާތެރި މަސައްކަތަކަށްވާއިރު، ގިނަ ފަހަރަށް މަސައްކަތްތެެރިންނަށް ބޭނުންވާ ރައްކާތެރިކަން ނުލިބެއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް އެ ފަދަ ހާދިޘާއެއް ހިނގާ، ގިނަ ޢަދަދެއްގެ މީހުން އެ ޤައުމުގައި މަރިވެފައިވެއެވެ. މިދިޔަ މާރިޗު މަހުގެ މެދުތެރޭގައި ވެސް ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ހަތް މީހުން މަރުވެފައިވެއެވެ. އޭގެ ކުރިން، ފެބްރުއަރީ މަހުގެ ތެރޭގައި ވެސް 20 މީހުން މަރުވެފައިވެއެވެ.