ޚަބަރު

ވާދަވެރި މެޗުން މޮޅުވެ، ގްރޫޕްގެ އެއްވަނަ ބަނޑޮހަށް!


  • ގްރޫޕް ސްޓޭޖްގެ ފަހު މެޗު މިރޭ

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގައި ވާދަވެރި މެޗުން މޮޅުވެ, ބަނޑޮސް އައިލެންޑް ރިސޯރޓް ގްރޫޕްގެ އެއްވަނަ ހޯދައިފިއެވެ.

މެޗަށް ނިކުއިންއިރުވެސް ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ޓީމްގެ ގޮތުގައި ލީގު ބުރުން ޖާގަ ޔަގީންވެފައި އޮތް ބަނޑޮހާއި, ކޯރާ ކޯރާ މޯލްޑިވްސްގެ މެޗު ބަނޑޮސް ކާމިޔާބުކުރީ 3-2 ސެޓުންނެވެ. ފުރަތަމަ ސެޓް ބަނޑޮސް 25-22 ން ގެންގޮސްފައި ވަނިކޮށް, ދެވަނަ ސެޓް 25-17 ން ގެންދިޔައީ ކޯރާ ކޯރާ އެވެ.

ތިންވަނަ ސެޓް 25-13 ން ކޯރާ ކޯރާ ގެންގޮސް ބަނޑޮސް ސިއްސުވާލިއެވެ. އެކަމަކު އިތުރު ފުރުޞަތެއް ނުދީ ހަތަރުވަނަ ސެޓްގައި ނުކުމެ ބަނޑޮސް ވަނީ 25-20 ން ސެޓް ހޯދާފައެވެ. ނަތީޖާ ކަނޑައެޅުނު ފަސްވަނަ ސެޓް ބަނޑޮހުން ގެންދިޔައީ 15-10 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބަނޑޮހުގެ ޕްރަނީތް އެވެ.

މީދޫ އެކުވެރި ކްލަބުން އެރަށުގައި ކުރިއަށްގެންދާ ރިސޯރޓް ވޮލީބޯޅަ މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗެވެ. ވާދަކުރާނީ މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ޖޯލި ބީން އާއި ކުޑަފުށްޓެވެ.

މިމެޗުން ބަލިވެއްޖެ ނަމަ ޖޯލި ބީން ކަޓާނެއެވެ. ކުޑަފުށި ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ފޯމެޓް އޮތް ގޮތުން ގްރޫޕް ސްޓޭޖުން ކޮންމެ ގްރޫޕެއްގެ ގަދަ ދެޓީމް ވާދަކުރާނީ ލީގު ބުރެއްގައެވެ. ފައިނަލަށް ދަތުރުކުރާނީ ހަތަރު ޓީމް ވާދަކުރާ ލީގު ބުރުން ކުރި ހޯދާ ދެޓީމެވެ.