ޚަބަރު

ހޯދަޑު ސްޕޯރޓްސް، އަދި އައްޏަނި ސެމީއަށް!


  • ގްރޫޕް ސްޓޭޖް ފަހު 3 މެޗު މިރޭ

ފުވައްމުލައް ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ސެމީފައިނަލުން ހޯދަޑު ސްޕޯރޓްސް ކްލަބާއި އައްޔަނި ސްޕޯރޓްސް ކްލަބް ޖާގަ ހޯދައިފިއެވެ. އެއް ގްރޫޕެއްގައި ހިމެނޭ ދެޓީމްވެސް ސެމީ ޔަގީންކުރީ ބާކީ އެއް މެޗު އޮއްވާ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ.

ހޯދަޑު ސްޕޯރޓްސް ކްލަބް ދެވަނަ މެޗު ކާމިޔާބުކުރީ ހޯދަޑު އެކަޑަމީއާ ވާދަކޮށް 18-0 ނެވެ. މެޗުގައި އަހުމަދު އަފްލާޒު 12 ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މީގެއިތުރުން އަހުމަދު ނާއިމް އިބްރާހީމް އާއި އަހުމަދު ހަމީދު (އައްމަޑޭ) ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. ދެން ލަނޑު ޖެހީ މުޙައްމަދު އިޔާޝް އަހުމަދާއި އަހުމަދު މަނާލު އިބްރާހީމްއެވެ.

އައްޔަނި ސްޕޯރޓްސް ކްލަބް ދެވަނަ މެޗު ކާމިޔާބުކުރީ ދަށި ކިޅި ކްލަބާއި ވާދަކޮށް 6-1 ނެވެ. މެޗުގައި އައްޏަނި ސްޕޯރޓްސް ކްލަބްގެ ހުސެއިން ޝަރީފް (އޮންލީ) އާއި އަލީ ޝަމާލް އަބްދުالله, ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ ޝަނާން ރަޝާދު އާއި އަބްދުالله ރަޝީދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހުސެއިން ޝަރީފް އެވެ.

ގްރޫޕް ސްޓޭޖް ފަހު މެޗުގައި ހޯދަޑު ސްޕޯރޓްސް ކްލަބާއި އައްޏަނި ސްޕޯރޓްސް ކްލަބް މިރޭ ވާދަކުރާނެއެވެ. ގްރޫޕްގެ އެއްވަނަ ލިބޭނީ މެޗުން މޮޅުވާ ޓީމަކަށެވެ.

ޔުނައިޓެޑް ދިގުވާނޑޮ ސްޓްރައިކަރސް ބަލިކޮށް, ޑީއެސްއާރުސީ ޖޫނިއަރ ވަނީ ސެމީގެ ފުރުޞަތު ތަނަވަސްކޮށްފައެވެ. ޖޫނިއަރ ޓީމް މެޗު ކާމިޔާބުކުރީ 3-1 ނެވެ. ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަހުމަދު ޔަޝަމް އެވެ. ތިންވަނަ ލަނޑު ޖެހީ އައިމަން މުޙައްމަދު ޒާހިރުވެވެ. ޔުނައިޓެޑް ދިގުވާނޑޮ ސްޓްރައިކަރސްގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު މައުތޫފް އިބްރާހީމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އައިމަންއެވެ.

ސެމީގެ ދެވަނަ ޖާގައަށް މިރޭ މިގްރޫޕުން ވާދަކުރާނީ ޑީއެސްއާރުސީ ޖޫނިއަރ އާއި ގަލޯނާ ސްޕޯރޓްސް ކްލަބެވެ. މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ޖާގަ ލިބޭނެއެވެ.