17 އޮގަސްޓް 1936ގައި ތުޅާދޫގެ މަދަރުސީ ތަޢުލީމުގެ ހަޔާތް ފެށުނީ އެ ރަށުގައި ޤާއިމްކުރި "ތުޅާދޫ މަދަރުސާ" އާއެކުގައެވެ. ކުރިއަރަމުން އައި ސްކޫލްގެ ތަޢުލީމީ ނިޒާމާއެކު އެކިފަހަރުމަތިން ސްކޫލްގެ ނަމަށް ބަދަލުގެނެސްފައިވެއެވެ.
6 ފެބުރުވަރީ 1967ގައި، އެ މަދަރުސާގެ ނަން "މަކްތަބުލް ހިދާޔާ"އަށް ބަދަލުކޮށްފައިވާއިރު، 1978 ފެބުރުވަރީ 16ގައި އެ ސްކޫލްގެ ނަން، ""ތުޅާދޫ ޕްރައިމަރީ ސްކޫލް"ގެ ނަމަށް ބަދަލުކޮށްފައިވެއެވެ.
1998 ނޮވެންބަރ 8ގައި އެ ސްކޫލްގެ ކިޔެވުން ސާނަވީ ފެންވަރަށް ބަދަލުކޮށް، ސްކޫލުގެ ނަން "ތުޅާދޫ ޕްރައިމަރީ ސްކޫލް" ގެ ނަމުން "ތުޅާދޫ ސްކޫލް"ގެ ނަމަށް ބަދަލުކުރިއެވެ. މިއީ އުނގަންނައިދޭ މަރުކަޒެއްގެ ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަންފެށި 3 ވަނަ ސްކޫލަށްވުމަކީ، މި ސްކޫލްގެ ދިގު މާޒީ ރަމްޒުކޮށްދޭކަމެކެވެ.
1 ފެބްރުވަރީ 2000ގައި ސަރުކާރު ސްކޫލަކަށް ބަދަލުވި މި ސްކޫލުގެ ބާނީ އަކީ ބ.ތުޅާދޫ ދޮންއިސްމާޢީލް ކަތީބެވެ. ސްކޫލްގެ ފުރަތަަމަ އުސްތާޛަކީ ށ. ކަނޑިތީމު އިބްރާހީމް ޢަލީ، ދޮން އިބްރާހީމް ކަލޭފާނެއެވެ.
ތުޅާދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ރަޝީދު ފާހަގަކުރައްވާގޮތުން، ތުޅާދޫ ސްކޫލް އުފެދުމާއި، ސްކޫލްގެ ޚިދުމަތް ދިނުމުގައި ތުޅާދޫގެ މަސްވެރިންވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ސްކޫލް އުފެއްދުމާއި، ސްކޫލްގެ މުދައްރިސުންނަށް މުސާރަ ދިނުމުގައި މަސްވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ. އަދި އެކު ދުވަސްވަރު އެ ރަށުގެ އިސް މަޤާމުތައް އަދާކުރެއްވި ބޭފުޅުން ސްކޫލްގެ ކުރިއެރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަމިއްލަ ޖީބުން ޚަރަދުކޮށްގެން މުދައްރިސުންނަށްވެސް ފުރަތަމަ މުސާރަދިނީ ތުޅާދޫގެ މަސްވެރިން." ތުޅާދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ތުޅާދޫއަކީ ތަޢުލީމަށް ލޯބިކުރާ ރަށަކަށްވުމާއެކު އެ ސްކޫލަށް 90 އަހަރު ފުރުމުގެ މުނާސަބާ ވެފައިވަނީ މުޅި ރަށަށް އުފާވެރިކަން ގެނުވިކަމަކަށެވެ. ތުޅާދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ރަޝީދު އެކަން ސިފަކުރައްވަނީ ރަށަށް އައި ޢީދެއްގެ ގޮތުގައެވެ.
ސްކޫލަށް 90 އަހަރުފުރުން ފާހަގަކުރުމުގެ ހަރަކާތްތައް ވިލަރެސްކުރަމުންދަނީވެސް މުޅި ރަށަށް ބައިވެރިވެވޭގޮތަށެވެ. މިހާތަނަށް އައިއިރު ބާއްވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ތުޅާދޫގެ ސްކޫލް ދަރިވަރުންނަށް ބައިވެރިވެވޭގޮތަށް ބޭއްވި ސުވާލު މުބާރާތް ފާހަގަކޮށްލެވެއެވެ. އެ ސުވާލު މުބާރާތް ޚާއްސަކުރީ ސްކޫލްގެ ތާރީޚަށެވެ.
މީގެއިތުރުން 1000 މީހުން ބައިވެރިންނާއެކު ކުރިއަށްގެންދިޔަ ދުވުމަކާއި، 40 މީހުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. ސްކޫލްގެ އަހަރީ ދުވަހާއި ގުޅިގެން، ކުރިއަށް ރޭވިފައިހުރި ހަރަކާތްތަކުގެ ތެރޭގައި މިރޭ 20:45ގައި ބާއްވާ ޚާއްސަ ޖަލްސާއާއި ހުކުރު ދުވަހު 01:30ގައި ޖާފަތެއް އޮންނަ ޖާފަތުގެ އިތުރުން، ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ފުޓްބޯޅަ އަދި ހޭންޑްބޯލް ޓޯނަމެންޓެއް ހިމެނެއެވެ.
"މާދަމާ ބާއްވާ ޚާއްސަ ޖާފަތަށް އަދި ޚާއްސަ ޖަލްސާއަށް ތުޅާދޫ ސްކޫލްގެ އާއިލާއަށް ދަޢުވަތު އަރުވަން. މި ޖާފަތް މިއީ ޚާއްސަކޮށް ތުޅާދޫ މަސްވެރިންނާއި، މުޅި ތުޅާދޫއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޖާފަތެއް." ތުޅާދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ތަޢުލީމީ ގިނަ ހަރުފަތްތަކެއް ގިރާކުރުމަށްފަހު މި ސްކޫލަކީ ފައުންޑޭޝަން ސްޓޭޖް އިން ފެށިގެން ކީސްޓޭޖް 5 އަށް ކިޔަވާދޭ ސްކޫލެކެވެ. މި ސްކޫލްގައި ކިޔަވައިދެނީ ބިޒްނަސް ސްޓްރީމް އަދި ސައިންސް ސްޓްރީމްގެ އިތުރުން ބީޓެކް ސްޓްރީމެވެ.
300އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދާ މި ސްކޫލްގައި 50އަށް ވުރެ ގިނަ މުދައްރިސުންނާއި 19ވަރަކަށް އިދާރީ މުވައްޒަފުން ތިބެއެވެ. 90 އަހަރުގެ ދިގު ތާރީޚުގައި މި ސްކޫލް ދެމިއޮތީ އެއް ތަޞައްވުރެއްގެ މަތީގައެވެ. އެއީ އަމިއްލަ ޤާބިލްކަން ދެނެގަނެ އެކަން ހަޤީގަތަކަށް ހެދުމެވެ.
ސްކޫލްގެ އަމާޒުކަމަށްވާ ފެންވަރު ރަނގަޅު ތަޢުލީމެއްގެ ތެރެއިން ޤާބިލް ރައްޔިތެއް އުފެއްދުމަކީ މިއަދުވެސް ސްކޫލްގެ އެންމެ އިސް މަޤްޞަދެވެ.