ޚަބަރު

"ޑިޖިޓަލައިޒޭޝަނާއެކު އައިޓީ ދާއިރާއިން އެސްއެމްއީތަކަށް ފުރުޞަތުތައް ފަހިވާނެ"


  • ރައީސް ވިދާޅުވީ އައިޓީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން އިސްކަންދެއްވާކަމަށް

  • މޯލްޑިވްސް 2.0އާއެކު ފުރުޞަތުތައް ފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވި

މޯލްޑިވްސް 2.0އާއެކު އައިޓީ ދާއިރާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ފުރުޞަތުތައް ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި އައިޓީ ދާއިރާގައި މަސައްކަތްކުރާ މީހަކު ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

އައިޓީ ދާއިރާގައި މަސައްކަތްކުރާ ތަލްހަތު ނަމަކަށް ކިޔާ މީހަކު ވަނީ އައިޓީ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގައި ފުރުޞަތުތައް ނެތުމުން ކުންފުނިތައް ހަދައިގެން ރާއްޖެއިން ބޭރުގައި ދިވެހިން މަސައްކަތްކުރާކަން އޭނާ ފާހަގަކުރިއެވެ.

"އަޅުގަނޑު މަސައްކަތް ކުރިން ލަންކާގައި އައިޓީ ކުންފުންޏެއް ހަދަން. އެކަމަކު އެގައުމުގެ ސަރުކާރުން ހުއްދައެއް ނުދޭ. އެ ގައުމުގެ މީހަކަށް ޝެއަރ ދީގެން އެކަން ކުރެވެނީ. އެކަމަކު ލަންކާ މީހުން އެބަހުރި އައިޓީ ބިޒްނަސް ތެރެއިން ރާއްޖޭގައި ކުންފުނިތައް ހަދަފާއި" ކަންބޮޑުވުން ފާޅުކުރަމުން ތަލްހަތު ބުންޏެވެ.

ތަލްހަތު ފާހަގަކުރި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އައިޓީ ދާއިރާގެ ފުރުޞަތުތައް ދިވެހިންނަށް ފަހިކޮށްދިނުމަކީ އެމަނިކުފާނު އިސްކަންދެއްވާ މަސައްކަތެއްކަމަށެވެ. ޚާއްސަކޮށް ރާއްޖެ ޑިޖިޓަލައިޒޭޝަންއާ ދިމާލަށް ދާއިރު މޯލްޑިވްސް 2.0ގެ ދަށުން އައިޓީދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިވެރިންނަށްވެސް ފުރުޞަތުތައް ހޯއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެސްއެމްއީތައް ފުޅާކުރުމަކީ ސިޔާސަތު. އަޅުގަނޑުމެންގެ އިކޮނަމީގައިވެސް އައިޓީ ދާއިރާ ފުޅާކުރުމަކީ ސިޔާސަތު. އެކަހަލަ ހުރަސްތައް ހުރިއްޔާ އެއީ ހައްލުކުރުން މުހިއްމުކަމެއް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢު އިފްތިތާހް ކުރީ މިދިޔަ އަހަރުއެވެ. މި މަޝްރޫޢުގެ ދަށުން އެކި އިދާރާތކަުގެ މަސައްކަތްތައް އެއްކޯސް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދާ މަޝްރޫޢުއެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މަޝްރޫޢުން ތަންފީޒުކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރެވޭނެއެވެ. އަދި ހިންގުމުގައި އަދި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖްރިބާ ބަދަލުކުރެވޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ހަމައެހެންމެ މި މަޝްރޫޢުގެ ތެރެއިން ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާހޯދައި، އަވަސް ޚިދުމަތެއް ފޯރުކޯށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދެވޭނެކަމަށާއި، ޚިދުމަތް ހޯދުމުގައި ކަންކަންވާންވީ ގޮތް ނޭނގޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް ދެފުށްފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.