މިއަހަރުގެ ހޫނު މޫސުމުގައި ވިލާތަށް ކުރިމަތިވި އާދަޔާޚިލާފު ގަދަ ހޫނުގެ ސަބަބުން ޖަރުމަނުވިލާތުން އެކަނިވެސް 14,000 އެއްހާ މީހުން މަރުވެފައިވާކަން ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވިލާތުގެ ގައުމުތަކަށް ކުރިމަތިވި އާދަޔާޚިލާފު ގަދަ ހޫނުގެ ސަބަބުން ޖަރުމަނުވިލާތުގެ ހޫނާ ގުޅުންހުރި މަރުތަކުގެ ޢަދަދު 14,000 އަށް އަރައިފިއެވެ. މިއީ 2018 ވަނަ އަހަރު ރެކޯޑުކުރެވުނު 8,900 މަރުގެ ރެކޯޑަށްވުރެ ބޮޑު އަދަދެއް ކަމަށް ގައުމުގެ ރޮބަޓް ކޮޗް އިންސްޓިޓިއުޓް އިން ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީގެ ތެރެއިން ހަމައެކަނި ޖޫން މަހުގެ ފަހު ހަފުތާގެ ތެރޭގައިވެސް 9,600 މީހުން މަރުވެފައިވެއެވެ. އެ ދުވަސްވަރު ޖަރުމަނުގެ ހޫނުމިން ވަނީ 40 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އުފުލިފައެވެ. މި ގަދަ ހޫނުގައި އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން 75 އަހަރުން މަތީގެ މީހުންކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ.
މި ހޫނު މޫސުމުގައި ވިލާތުގެ އެހެން ގައުމުތަކުންވެސް މަރުވި މީހުންގެ ޢަދަދު ވަނީ އިންތިހާއަށް އުފުލިފައެވެ. އެގޮތުން ޖޫން 1 އިން ފެށިގެން ސްޕެއިންއިން ހޫނާމިނާއި ގުޅުންހުރި 4,500 އެއްހާ މަރު ރެކޯޑުކޮށްފައިވާއިރު، ފަރަންސޭސިވިލާތުން 7,300 އަށްވުރެ ގިނަ އިތުރު މަރު ވަނީ ރެކޯޑުކޮށްފައެވެ.
ޖަރުމަނުގެ ކުރީގެ ސިއްހީ ވަޒީރު ކާލް ލޯޓަބާޚް ވިދާޅުވީ، މަރުވި މީހުންގެ ސީދާ ޢަދަދު މިއަށްވުރެ މަތިވުންގާތް ކަމަށާއި، ގިނަ މީހުން މަރުވަނީ ހޫނުގެ ސަބަބުން އިތުރަށް ސިއްހީ މައްސަލަތައް ބޮޑުވެގެން ކަމަށެވެ.
ގަދަ ހޫނާއި ވިއްސާރަނުވެ ގިނަ ދުވަސްވުމުގެ ސަބަބުން ޖަރުމަނުގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ޖަންގަލިތަކުގައި އަލިފާން ރޯވުމާއި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ދަށްވުމުގެ އިތުރުން މުދާ އުފުލާ މުހިންމު ކޯރުތަކުގެ ފެން ހިކިފައިވުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.
މިއާއެކު، ސަރުކާރު ހިންގާ ކޯލިޝަންގެ އެސްޕީޑީ ޕާޓީގެ ވަޒީރުން ވަނީ މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި ތިމާވެށި ރައްކާތެރިކުރުމުގެ މާއްދާތައް ގާނޫނުއަސާސީގައި ހިމެނުމަށް ގޮވާލައްވާފައެވެ.
އަދި ހޮސްޕިޓަލްތަކާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި އޭސީ ހަރުކުރުމަށާއި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް މަދުވެގެން 20 ބިލިއަން ޔޫރޯގެ އިންވެސްޓްމަންޓެއް ބޭނުންވާކަމަށް ޖަރުމަނުގެ ސިޓީތަކާއި މުނިސިޕަލްޓީތަކުގެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.