އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން ގުޅިގެން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި ބައިވެރިވުމަށް، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ އިތުރު މަނަވަރެއް ޢަރަބި ކަނޑަށް ފޮނުވައިފިއެވެ. ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން އެ ސަރަހައްދަށް ފޮނުވާފައި ވަނީ، ހަނގުރާމައިގައި މިހާރު އިސް ދައުރެއް އަދާކުރަމުންދާ ޔޫއެސްއެސް އެބްރަހަމް ލިންކަންގެ ބަދަލުގައެވެ. ސަބަބަކީ، ހަނގުރާމަ ދިގުލައިގެން ގޮސް، ޔޫއެސްއެސް ލިންކަނާއި އޭގައި ތިބި ސިފައިންގެ ޙާލަތު ގޯސްވެ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ޔޫއެސްއެސް ވޮޝިންގޓަން ޢަރަބި ކަނޑަށް ދަތުރު ކޮށްފައިވާ ކަމުގައެވެ. އެ މަނަވަރު ކުރިން ހަރަކާތްތެރިވަމުން ގޮސްފައި ވަނީ ހުޅަނގު ޕެސިފިކް ސަރަޙައްދުގައެވެ.
ޔޫއެސްއެސް ލިންކަންގެ އޮޕަރޭޝަން ފަށާފައި ވަނީ ހުސްވި އަހަރުގެ ނޮވެންބަރު މަހުއެވެ. އަދި، ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ބައިވެރިކުރުމަށް އެ މަނަވަރު މެދުއިރުމައްޗަށް ބަދަލުކުރިއެވެ. ޔޫއެސްއެސް ލިންކަންގެ މި އޮޕަރޭޝަނަކީ، އެއްވެސް ބަނދަރަކަށް ނުޖައްސައި އެމެރިކާގެ އަސްކަރީ މަނަވަރެއް އެންމެ ދިގު މުއްދަތަކަށް ކަނޑުމަތީގައި ހޭދަކުރާ އޮޕަރޭޝަނެވެ. މި އޮޕަރޭޝަން ދިގުލައިގެން ދިޔުމާއެކު، އެ މަނަވަރުގައި ކާބޯތަކެތި މަދުވެ، ސާފުތާހިރުކަން ކުޑަވެ، މަރާމާތު ނުކުރެވި، އޭގައި ތިބި 5,000 އެއްހާ ސިފައިންގެ ނަފުސާނީ ދުޅަހެޔޮކަމަށް އަސަރު ކޮށްފައިވާ ކަމުގައި އެ މީހުންގެެ ޢާއިލާތަކުން ބުނެއެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ މެންބަރުން ވެސް ގެންދަވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ޓްރަމްޕްގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރައްވަމުންނެވެ. ނަމަވެސް، ޓްރަމްޕްގެ އިތުރުން އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓަގަނުން ވަނީ ޔޫއެސްއެސް ލިންކަނާ ގުޅޭ ގޮތުން ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފައެވެ.
ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސް އަޅާފައެވެ. ނަމަވެސް، ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު 1,300 އެއްހާ އުޅަނދު އެ ކަނޑުއޮޅިން ދަތުރު ކޮށްފައިވާ ކަމުގައެވެ. މީގެ އިތުރުން، އީރާނުގެ ބަނދަރުތައް އެމެރިކާއިން ޙިޞާރު ކޮށްފައިވާއިރު، ރައްދުގައި ހުރްމުޒްގެ ދަތުރުފަތުރަށް ހުރަސްއަޅަމުންދާނެ ކަމުގައި އީރާނުން ދަނީ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ. މި ހަނގުރާމަ ނިމުމަކަށް ގެނެސް، ޞުލްޙަވެރި ޙައްލެއް ހޯދުމަށް ދެ ފަރާތުގެ މެދުގައި އިބުތިދާއީ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ޞުލްޙަ ޤާއިމުކުރުމަށް ކަނޑައަޅާފައިވާ 60 ދުވަހުގެ މުއްދަތު ވަނީ ފަހަނައަޅާފައެވެ. އަދި، ދެ ފަރާތުގެ މެދުގައި މަޝްވަރާތައް އަލުން ފެށޭނެ ކަމުގެ އިޝާރާތެއް ފެންނަން ނެތް ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ.