ޚަބަރު

ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ


  • މިކަން ކުރުމަށް ހަމަޖެހިފައިވަނީ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެން

  • އެއްބަސްވުމުގައި ސޮއިކޮށް މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުން

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ނިޒާމު ހަރުދަނާކޮށް އަތޮޅުތަކުގައި ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާކަމަށެވެ. ރާއްޖޭގެ ފެނުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށްޓަކައި ހިންގުމަށް ރާވާފައިވާ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ޚާއްސަ އެއް މަސައްކަތަކީ ކަނޑުގެ އަޑިން ފެން އުފެއްދުމުގެ މަޝްރޫޢުކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ޤާއިމުކޮށްގެން ފެން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެންކަމަށެވެ.

މިހާރު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށް ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި އެންވަޔަރަމަންޓަލް ދިރާސާތައް ކުރަމުންދާ ކަމަށާއި މި ހުރިހާ މަރުހަލާއެއް ނިންމައި އަންނަ އަހަރުގެ މެދުތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ މި ހަދަނީ ފައިނޭސަލް ފީސިބިލިޓީ، ކިހާ ބޮޑު އިންވެސްޓުމަންޓެއްތޯ ދާނީ. މީގައި އެބަހުރި ވަރަށް ބޮޑު އެޑްވާންޓޭޖް ތަކެއް. އެނަރޖީ އެފިޝިއަންޓުވުމާއި ރިޖެކްޓު ވޯޓަރ ކަނޑަށް ދޫކުރުމަށް ފަސޭހަވުމާއި 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފުލޮނެއް. ބޯހޯލުން ނަގާ ލޮނަށްވުރެއް ސާފުވާނެ. އޯރގަނިކް މެޓަލް މަދު، މީގެ ސަބަބުން އެފިޝިއެންސީ އިތުރުވުމާއި އަދި ޚަރަދު ކުޑަވާނެ." ފަހުމީ ވިދާޅުވިއެވެ

މިހާރުގެ ޙާލަތަށް ބަލާއިރު އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ ކަނޑުގެ އަޑިން ފެން އުފެއްދިއްޖެނަމަ އެއީ ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި މަސައްކަތް ނޯވޭގައި ކާމިޔާބުކަމާއެކު ހިނގަމުންދާތީ އެމްޑަބްލިޔުއެސްސީގެ ޓެކްނިކަލް ޓީމެއް އެ މަސައްކަތް ބަލައި ތަޖުރިބާ ހޯދުމަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ މިއީ ބިޔަ މަޝްރޫޢަކަށް ވެގެންދާނެ ކަމަށާއި މި މަޝްރޫޢު ވެގެންދާނީ ރާއްޖެ ނަމޫނާއަކަށް ވެގެންދާނެ ފަދަ މުހިންމު މަސައްކަތަކަށްކަމަށެވެ.

ފަހުމީ ވިދާޅުވީ ތިލަމާލެ ބުރިޖާއެކު މާލެއާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި ހޮޅި އެޅުމުގެ މަސައްކަތް ކުރުމަށް ނިންމާފައިކަމަށެވެ. ތިލަފުށި ނުވަތަ ގުޅީފަޅުގައި ފެން ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށްފަހު މާލެއާއި ހުޅުމާލެއަށް ފެން ސަޕްލައި ކުރުމަށް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ. މިއީ ވަރަށް ބޮޑު ހޭދައެއް ހިނގާނެ ނެޓްވޯކެއް ކަމަށާއި، ބުރިޖުގެ މަސައްކަތް ނިމެންވާއިރަށް މި މަޝްރޫޢު ފެށުމަށްޓަކައި ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވިއެވެ.