ރާއްޖޭގައި ނިމިގެންދިޔަ އައިބީސީ ވޯލްޑް ޓުއާ މުބާރާތުގައި ޒުވާން ތަރި އާމިން އުމަރު މޫސާ އާއި ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު ޢަލީ ޚުޝްރުވާން އަހުމަދު (ކުޑައައްޔަ) އަށް ލިބުނު ކާމިޔާބީއަށްވުރެ އުފާވީ އަރަމުން އަންނަ ބޮޑީބޯޑަރު އަޝްރަފް ހަސަންގެ ފަރާތުން މުބާރާތުގައި ފެނިގެންދިޔަ ހުނަރާމެދު ކަމަށް އެ އެތުލީޓުން ބުނެފިއެވެ.
މި ފަހަރުގެ މޯލްޑިވްސް ޕްރޯ މުބާރާތުގައި ރާއްޖެއިން މުޅިއެކު 12 އެތުލީޓުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން ހަތަރު އެތުލީޓުން ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ސެމީ ފައިނަލުގައި އާމިން އާއި ޚުޝްރުވާން ވަނީ ވާދަކޮށްފައެވެ. މިއީ މި މުބާރާތުގެ މެންސް ރައިސިން ކެޓަގަރީގެ ސެމީ ފައިނަލުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޑްރޮޕް-ނީ ކެޓަގަރީގެ ސެމީ ފައިނަލުގައި ޚުޝްރުވާން ވާދަކުރިއިރު، އާމިން ވަނީ ޖޫނިއާ ކެޓަގަރީގެ ފައިނަލުގައި ވާދަކޮށްފައެވެ.
"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން އާމިން ބުނީ މުބާރާތުގައި އާމިން އަށް ލިބުނު ކާމިޔާބީއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އެކަމަކު އާމިންގެ ކާމިޔާބީއަށްވުރެ ބޮޑަށް ހިތްހަމަ ޖެހެނީ އަޝްރަފްގެ ފަރާތުން ފެނިގެންދިޔަ ޕާފޯމެންސާމެދު ކަމަށް އާމިން ބުންޏެވެ. އެގޮތުން ދުނިޔޭގެ ރޭންކިންގައި ތިބި އެތުލީޓުންނާ ވާދަކުރަން ޖެހުމުން އަޝްރަފް ހުރީ ބިރުން ކަމަށާއި، ނަމަވެސް އެ އެތުލީޓުންނާ ދެކޮޅަށް ހީޓުތަކުގައި ވާދަކޮށް އަޝްރަފްގެ ފަރާތުން ފެނިގެންދިޔައީ ބޮޑީބޯޑިންގެ ކުރިމަގު އުޖާލާކަންކަމަށެވެ.
"އަޝްރަފް ހުރީ ވަރަށް ނާވަސްވެފައި. މުބާރާތުގެ ކުރީރޭ އާމިން ކައިރިއަށް އައިސް އެވާހަކަ ބުނަންވެސް ބުނި. އެކަމަކު މުބާރާތް ކުރިއަށްދިޔައިރު، އަޝްރަފްގެ ފަރާތުން އެއިން ކަމެއް ނުފެނޭ ހަމަ ވަރުގަދަ އެތުލީޓުންނާ ވާދަކޮށް ކުއާޓާއަށް ދިޔައީ." އާމިން ބުންޏެވެ.
އާމިންގެ އިތުރުން ޚުޝްރުވާން ވެސް ބުނީ މުބާރާތުގެ ސެމީ ފައިނަލާ ހިސާބަށް އައުމަށްވުރެ އުފާވީ ރާއްޖޭގެ އެތުލީޓުންގެ ފަރާތުން ފެނުނު ނުހަރާމެދު ކަމަށެވެ. އެގޮތުން އަޝްރަފް ޖެހިލުމެއް ނެތި މޮޅު ރާޅުތަކެއްގައި ގިނަ ޕޮއިންޓުތަކެއް ނެގިކަން އާމިން ފާހަގަކުރިއެވެ.
މީގެ ކުރިން މޮރޮކޯގައި ކުރިއަށްދިޔަ މޮރޮކޯ އޯޕަން މުބާރާތުގައި ބައިވެރިވާން އަޝްރަފް ވަނީ ގައުމީ ޓީމާއެކު މޮރޮކޯއަށް ގޮސްފައެވެ. އެކަމަކު އެމުބާރާތުގައި އަޝްރަފަށް ވާދަނުކުރެވުނީ ލިބުނު އަނިޔާއާ ގުޅިގެންނެވެ.
އަޝްރަފް ބުނީ ރާއްޖޭގައި ބޮޑީބޯޑިން ކުރިއަރަނީ މޮޅު އެތުލީޓުން ކައިރިން އެ މީހުން ހަދާ މެނޫއާތައް ބަލައިގެން ދަސްކޮށްގެން ކަމަށެވެ. އެ ފުރުސަތު މި ފަހަރުގެ މުބާރާތުގައި ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
ރާއްޖެއިން މި ފަހަރުގެ މުބާރާތައް ނުކުތީ ޕޯޑިއަމް ނިންމުމަކަށް އަމާޒު ހިފައިގެންނެވެ. އާމިން އާއި ޚުޝްރުވާން އަށް ޕޯޑިއަމް ނިމުމެއް ލިބުނުއިރު، އިޔަން އަހުމަދު ވަނީ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފައެވެ.