މިދިޔަ މަހުގެ 9 ވަނަ ދުވަހުގެ ރޭ މާލޭގެ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު، މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގުމާ ގުޅިގެން ފިލި އުޅަނދު ދެނެގަނެ އެ އުޅަނދު ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގީ މަސައްކަތުގެ ތެރެއިން، އެ ދޯނި ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 17:52 އެހާކަންހާއިރު ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވާ ކަމަށެވެ.
ފުލުހުން ވަނީ ހުޅުމާލެ ފަޅުން އެ އުޅަނދު ފެނުމާއެކު އެ ދޯނި ބަލައި ފާސްކޮށް، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކޮށްފައެވެ. އަދި ހާދިސާއާ ގުޅިގެން ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށްފަހު، އެ ދޯނީގެ ކެޕްޓަނާ ސުވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއްވައެވެ.
މީގެއިތުރުން މި ތަހުގީގީ މަރުހަލާގެ ތެރެއިން އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް މިހާރު ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.