ޚަބަރު

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު


  • ފުރުސަތު ހުޅުވާލާފައިވަނީ 2 ސެޕްޓެންބަރުގެ ނިޔަލަށް

  • ބައިވެރިންނަށް 8،000 ރުފިޔާގެ އެލަވެންސެއް ދެވޭނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްޤީ ކުރުމުގެ މަޤުސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026"ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މިއީ، ތައުލީމީ އަދި އަމަލީ ތަޖުރިބާގެ އިތުރުން ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ހުނަރު ދަަސްކޮށްދިނުމަށް އެކުލަވާލާފައިވާ 3 މަސް ދުވަހުގެ ޕްރޮގުރާމެކެވެ. މިއަހަރު ކުރިޔަށްގެންދާ ޕްރޮގުރާމްގެ ދަށުން 12 ދާއިރާއަކުން ޖުމުލަ 86 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެމްޓީސީސީން ވިދާޅުވީ، މި ޕްރޮގުރާމުގެ ބައިވެރިންނަށް 8،000 ރުފިޔާގެ އެލަވެންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތަކަކީ:

* މެރިން މެކޭނިކް ޓްރެއިނީ (8 ފުރުސަތު)
* މެކޭނިކް ޓްރެއިނީ (5 ފުރުސަތު)
* ވެލްޑަރ ޓްރެއިނީ (4 ފުރުސަތު)
* ޓިންކަރ ޓްރެއިނީ (5 ފުރުސަތު)
* ފައިބަގްލާސް ޓެކްނީޝަން ޓްރެއިނީ (4 ފުރުސަތު)
* އޮޓޯމޮބައިލް މެކޭނިކް ޓްރެއިނީ (4 ފުރުސަތު)
* އޮޓޯމޮބައިލް އޭސީ މެކޭނިކް ޓްރެއިނީ (2 ފުރުސަތު)
* އޮޓޯމޮބައިލް އިލެކްޓްރީޝަން ޓްރެއިނީ (2 ފުރުސަތު)
* އިލެކްޓްރީޝަން ޓްރެއިނީ (2 ފުރުސަތު)
* މެޝިނިސްޓް ޓްރެއިނީ (2 ފުރުސަތު)
* އޭސީ ޓެކްނީޝަން ޓްރެއިނީ (2 ފުރުސަތު)
* ބަސް ޑްރައިވަރު ޓްރެއިނީ (15 ފުރުސަތު)
* ޓެކްސީ ޑްރައިވަރު ޓްރެއިނީ (20 ފުރުސަތު)
* ޕްރޮޖެކްޓް އޮފިސަރު ޓްރެއިނީ (11 ފުރުސަތު)

މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާގެ އިތުރުން ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ދަސްކޮށްދީ، މެންޓަރޝިޕް ފޯރުކޮށްދޭނެއެވެ. އަދި ކަސްޓަމަރ ސަރވިސް، ފަޔަރ ސޭފްޓީ އަދި ހޭލުންތެރި ކުރުވުމުގެ ތަމްރީނުތަކާއި، ކަމާގުޅޭ ފަންނީ އަދި އޮޕަރޭޝަނަލް ޚާއްސަ ތަމްރީނުތައް ފުރިހަމަ ކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

މީގެއިތުރުން ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އެމްޓީސީސީއިން ދާއިމީ ވަޒީފާގެ ފުރުސަތުތައްވެސް ދޭނެކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 2 ވާ ބުދަ ދުވަހުގެ މެންްދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެހެންކަމުން، ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ ކެރިއާ ޕޭޖް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެކުންފުނިން ދައުވަތު އަރުވައެވެ.

އެމްޓީސީސީއިން މައުލޫމާތުދެއްވާ ގޮތުގައި މި ޕްރޮގްރާމާއި ބެހޭ އިތުރު މައުލޫމާތު، އެކުންފުނީގެ ސޯޝަލް މީޑިއާއިންނާއި، ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމުންވެސް ލިބޭނެއެވެ.

އެމްޓީސީސީއިން އަންނަނީ، ދިވެހިންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދީ، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނާއި، ހުނަރު ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.