ދ. މީދޫގެ ނަރުދަމާ ނިޒާމުގެ ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް، އެސްޓީޕީ އަދި އެއާ ގުޅުންހުރި ބައެއް ވަސީލަތްތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ ފުރުޞަތުތައް ދެނެގަތުމަށްޓަކައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި ފެނަކަ ކޯޕަރޭޝަންގެ އިސް ވަފުދެއް އެރަށަށް ޒިޔާރަތްކޮށްފިއެވެ.
މި ދަތުރުގައި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިޝް ޔޫސުފާއި، ޑިރެކްޓަރ ޖެނެރަލް މުޙައްމަދު މުޞްޠަފާ އަދި ސިވިލް އިންޖިނިއަރ ޢަބްދުއްލަޠީފެވެ. މީގެއިތުރުން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސީނިއަރ އިންޖިނިއަރ މުޙައްމަދު ނަޢީމް އަދި ޒޯން މެނޭޖަރ މުޙައްމަދު ވަސީމް މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ، މީދޫ ކައުންސިލުން މިހާރުގެ އެސްޓީޕީ ހުރި ބިމުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ބޭނުންވާތީ، އެސްޓީޕީ އާއި އެއާ ގުޅުންހުރި ވަސީލަތްތައް ފެނަކައިގެ އައު ޔުޓިލިޓީ ސައިޓަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން ކަންކަން ބަލައި ދިރާސާކުރުން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ދަތުރުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން ވަނީ މިހާރު ބޭނުންކުރަމުންދާ ވެކިއުމް ސްޓޭޝަނާއި ޕަމްޕް ސްޓޭޝަން އެ ހުރިގޮތަށް ބަހައްޓައިގެން، އެސްޓީޕީ ބަދަލުކުރުމުގައި ދިމާވެދާނެ ޓެކްނިކަލް، މާލީ އަދި އޮޕަރޭޝަނަލް ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ނަރުދަމާގެ އިންފްރާސްޓްރަކްޗަރ ބަލައި ފާސްކޮށްފައެވެ.
މި ވަސީލަތްތައް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، މިނިސްޓްރީ އާއި ފެނަކަ އަދި ދ. މީދޫ ކައުންސިލް ގުޅިގެން އިތުރު ޓެކްނިކަލް އެސެސްމަންޓްތައް ހަދައި، ވިލަރެސްކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަނީ ނިންމާފައެވެ.