ޚަބަރު

އިންޖިނިއަރިންގ ދުވަހު، ޚާއްސަ ހަރަކާތްތަކެއް


  • ކުޑަކުދިންގެ ހަވީރެއް އޮންނާނެ

  • ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސައިޓް ވިޒިޓް ތަކެއް ބޭއްވުމަށް ވަނީ ރާވާފައި

އިންޖިނިއަރިންގ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

އިންޖިނިއަރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޯގަސްޓު މަހުގެ 30 ވަނަ ދުވަހުގައެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރު އޮންނާނީ ހޮނިހިރު ދުވަހު 16:00އިން 18:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި ހަރަކާތަކީ ރާއްޖޭގެ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއާއި ކުރިއެރުމުގައި އިންޖިނިއަރިންގ ދާއިރާއާއި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ކުޑަކުދިން އަހުލުވެރިކުރުވައި، ޒުވާން ޖީލުގެ މެދުގައި މި ދާއިރާއަށް ހުރި ޝައުޤުވެރިކަން އިތުރުކުރުމުގެ މައިގަނޑު މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ. މި ކުޑަކުދިންގެ ހަވީރުގައި އިންޖިނިއަރިންގ ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުހިންމު މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚާއްޞަ ސްޓޯލްތަކެއް ފެނިގެންދާނެއެވެ.

މި ހަރަކާތުގައި ބައިވެރިވާ ފަރާތްތައް:

1.މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)
2.މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)
3.ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)
4.މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)
5.ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
6.ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)
7.ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)
8.މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)
9.އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (މޯލްޑިވިއަން)
10.މިނިސްޓްރީ އޮފް އެންވަޔަރަމަންޓް / ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
11.މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)
12.ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ)

މި ސްޓޯލްތަކުގެ ޒަރީޢާއިން އިންޖިނިއަރިންގއާ ގުޅުންހުރި ތަފާތު ޢިލްމީ އަދި މަޖާ ހަރަކާތްތައް އަމަލީގޮތުން ތަޖުރިބާކޮށް، އެ މުއައްސަސާތަކުގެ އިންޖިނިއަރުން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ކުޑަކުދިންނަށާއި ޢާންމު ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން، އިންޖިނިއަރިންގއަށް ދަރިވަރުންނަށް އަހުލުވެރިކުރުވުމަށް ހާއްސަކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސައިޓް ވިޒިޓް ތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ. މި ސައިޓް ވިޒިޓްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގައެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގައި ސައިޓް ވިޒިޓްތައް ކުރިއަށްގެންދިއުމަށް ރާވާފައިވާއިރު ކޮންމެ އަތޮޅެއްގެވެސް މަދުވެގެން ދެ ރަށެއްގައި އެ ރަށެއްގައި ކުރިއަށްގެންދާ މަޝްރޫޢެއްގެ ސައިޓަށް ނުވަތަ އިންޖީނުގެ އަށް ދިއުމަށް ވަނީ ރޭވިފައެވެ. އަދި އެތަނަށް ގޮސް، އެ މަޝްރޫޢެއްގައި ނުވަތަ އިންޖީނުގޭގެގައި އިންޖިނިއަރުންގެ ދައުރަކީ ކޮބައިކަން ކިޔާދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މާލޭގައި މިހާރު ކުރިއަށްގެންދާ އެއް ޕްރޮޖެކްޓް ކަމަށްވާ ތިލަމާލެ ބްރިޖް އަށްވެސް ސައިޓް ވިޒިޓް އެއް ވަނީ ރޭވިފައެވެ. މި ސައިޓް ވިޒިޓްތައް ރާވާފައި މިވަނީ އެކި އުމުރުފުރާގެ ސްކޫލް ދަރިވަރުންނަށް ހާއްސަކޮށެވެ. އަދި، މި ވިޒިޓްތަކުގައި އިންޖިނިއަރުން އޮން ސައިޓްގައި ކުރާ މަސައްކަތްތަކާއި މިކަހަލަ މަޝްރޫއެއްގައި އިންޖިނިއަރުންގެ ދައުރު ކިޔައިދެވޭނެއެވެ.

އިންޖިނިއަރިންގ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ޙާއްސަ ހަރަކާތަކީ އިންޖިނިއަރިންގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތެވެ. ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު" ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގައެވެ. މި ހަފްލާގައި އިންޖިނިއަރިން ދާއިރާ އިން 10 ގިންތިއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.