ގެދޮރު އެޅުމާއި ގެދޮރު ގަންނަން މާލީގޮތުން ދަތިވާ މީހުންނަށް އެހީތެރިވުމަށް، މާލީ އެހީ ދިނުމުގެ އިތުރު ޕްރޮގްރާމަކަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙުމަދު ނާޒީމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގައި ގެދޮރުބިނާކުރުމަށް ލޯނު ނެގުމަށް ޝަރުތު ހަމަނުވާތީ، ގެދޮރު ބިނާ ނުކުރެވި އެތައް ބަޔަކު އެބަތިބިކަމަށެވެ.
މިކަމަށް އޮތް ހުރަސްތައް ނައްތާލައި، ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލި ހިޔާވެހި ސްކީމްގައިވެސް އެތަށް ބަޔަކު އެކަމަށް އެދި ހުށައެޅިއިރު، ސަރުކާރުން ވަނީ 1.1 ބިލިޔަން ރުފިޔާ ދޫކުރަން ނިންމާފައެވެ.
ނާޒިމް ވިދާޅުވީ، ގެދޮރު ބިނާކުރުމަށް އެހީވުމަށް ބޭންކްތަކާ ގުޅިގެން އިތުރު 2 ފައިނޭންސިން ޕްރޮގްރާމަކަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށެވެ. މި ސްކީމުގައި ސަރުކާރުން އެހީތެރިކަންދޭނީ، އަމިއްލަ ބިން އޮވެ ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުން، އެމީހުން ބޭންކުތަކުން ލޯނަށް އެދޭއިރު އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުގައެވެ. މިއީ ލޯނު ނެގުމަށް ބޭންކަން ބޭނުންވާ އެންމެ މުހިންމު އެއް ޝަރުތެވެ.
"ސަރުކާރުން އިކުއިޓީއަށްވާ ފައިސާ ދޫކޮށްގެން ބޭންކުން ފައިސާ ލިބޭނެ އިންތިޒާމް މި ހަމަޖައްސަދެނީ. 2 ލައްކަ ރުފިޔާ އިކުއިޓިގެ ގޮތުގައި ދީގެން 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ލިބޭ ސްކީމެއް މިއީ. ސްކީމް 2 މަސްތެރޭ އިފްތިތާހުކުރުމަށް މަސައްކަތްކުރަނީ." ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ރަށްރަށުގައި ހިންގާ ފްލެޓް މަޝްރޫޢުތަކުގައި ނުވަތަ ހައުސިން ޔުނިޓެއް ގަންނަން އިކުއިޓީ ނެތް ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިބައިގައި 2.5 ލައްކަ އިކުއިޓީގެ ގޮތުގައި ދޫކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
މި މާލީ އެހީ ދޫކުރުމަށް 4 ބޭންކަކާއެކު އެމްއޯޔޫގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ ޢަމާޒަކީ ނޮވެމްބަރު މަހުގެތެރޭގައި މި ސްކީމަށް ހުޅުވާލުމެވެ.
މީގެއިތުރުން ސަރުކާރުން ކުރިއަށްގެންދާ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގެ ސްކީމުން ފްލެޓް ގަންނަ މީހުންނަށްވެސް، ސޯޝަލް ހައުސިން ސްކީމަށް ނުވަދެ އެ ތަންތަން ގަނެވޭނެ ގޮތަށް މާލީ އެހީ ދޭނެ ސްކީމެއް އިފްތިތާޙުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ހުޅުމާލެ ފޭސް 3ގައި މިހާރު ކުރިއަށްގެންދާ 1000 ހައުސިން ޔުނިޓާއި އަދި އަތޮޅުތަކުގައިވެސް ހިންގަން ހަމަޖެހިފައިވާ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގެ ސްކީމްތަކަށް ކުރިމަތިލެވޭނެ ސްކީމަކަށްވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
550 ޔުނިޓްގެ ޕްރޮޖެކްޓެއް އައްޑޫގައި އަދި ފުވަމުލަކުގައިވެ ޕްރޮޖެކްޓެއް ގެންދަން ޕްރައިވެޓް ސެކްޓަރއާއެކު މަސައްކަތްކުރާކަމަށް ވިދާޅުވިއެވެ. މި މަސައްކަތަކީ ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައްވެސް ބާރުވެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ބިން އޮވެ ގެދޮރުއެޅުމަށް ދަތިވެފައިވާ މީހުންނަށް މާލީ އެހީ ފޯރުކޮށްދީ، ގެދޮރުވެރިކުރުމަކީ ސަރުކާރުން އެންމެ މުހިންމު އެއް ސިޔާސަތެވެ.