ދިވެހި ޕާސްޕޯޓް ދޫކުރުމަށް ބައެއް ބަދަލުތައް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. މި ބަދަލު ގެންނަން ނިންމާފައިވަނީ ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލަ ހައްލުވިނަމަވެސް ރާއްޖެއަށް ބުކްލެޓް ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖެއަށް 2016ވަނަ އަހަރުން ފެށިގެން "ޕާސްޕޯޓް ބުކްލެޓް" ފޯރުކޮށްދޭ ކުންފުނީގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައާއި ގުޅިގެން އަންދާޒާކުރި ތާރީހަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.
އެހެންކަމުން މިހާރު ހުރި ޕާސްޕޯޓް ސްޓޮކް މެނޭޖްކުރުމަށްޓަކައި އޮގަސްޓް 28ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނައުމަށް އެ އިދާރާއިން ނިންމާފައިވާކަމަށެވެ. އެ ބަދަލުތަކުގެ ތެރޭގައި ޕާސްޕޯޓަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ހުރެގެން ޕާސްޕޯޓް މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށައަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި އެފަދަ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ. މުއްދަތު އިތުރުކުރުމުގެ ޚިދުމަތަކީ އެއްވެސް ފީ އަކާއި ނުލައި ފޯރުކޮށްދޭނެ ޚިދުމަތެއްކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އަލަށް ޕާސްޕޯޓް ހައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތަކުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަޖެންސީ ޕާސްޕޯޓް" ދޫކުރުމަށްވެސް އެ އިދާރާއިން ނިންމާފައިވާކަމަށެވެ.
އިމަޖެންސީ ޕާސްޕޯޓަކީވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތް 1 އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރެވޭ މެޝިން ރީޑަބަލް 8 ސަފްހާގެ ޕާސްޕޯޓެކެވެ. އިމަޖެންސީ ޕާސްޕޯޓުގެ ޚިދުމަތަކީވެސް އެއްވެސް ފީއަކާއި ނުލައި ފޯރުކޮށްދޭ ޚިދުމަތެއްކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ޕާސްޕޯޓް ބުކެލެޓް ފޯރުކޮށްދޭ ކުންފުންޏަކީ ފާއިތުވެދިޔަ 10 އަހަރުވެސް އެއްވެސް މައްސަލައެއް މި ތަކެތި ފޯރުކޮށްދިނުމުގައި ދިމާވެފައިނުވާ ކުންފުންޏެއްކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނެވުނު ނަމަވެސް އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އިމިގްރޭޝަނުން ވަނީ ދީފައެވެ.