ޓޫރިޒަމް ޓްރަސްޓް ފަންޑުގައި ހަތަރުމަހުން 149 މިލިޔަނަށްވުރެ ގިނަ ރުފިޔާ ރައްކާކުރެވިފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓަކީ 30 ސެޕްޓެމްބަރ 2025 އިން 31 ޑިސެމްބަރ 2025ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެކެވެ. މި ރިޕޯޓުގައި ބުނެފައިވަނީ މޯލްޑިވްސް ޓުއަރިޒަމް ޓްރަސްޓް ފަންޑުގެ އަހަރީ މާލީ ބަޔާންތައް އޮޑިޓްކޮށްފައިވަނީ "އިންޓަނޭޝަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ" އާ އެއްގޮތައްކަމަށެވެ.
މި އޮޑިޓް ކުރިއަށް ގެންގޮސްފައިވަނީ އިންޓަނޭޝަނަލް އެތިކްސް ސްޓޭންޑރޑްސް ބޯޑް ފޮރ އެކައުންޓްސްގެ "އިންޓަނޭޝަނަލް ކޯޑް އޮފް އެތިކްސް ފޮރ ޕްރޮޕެޝަނަލް އެކްއުންޓްސް (އައިއީއެސްބީއޭ ކޯޑު)ގައި ބަޔާންކުރާގޮތަށް އޮޑިޓްކުރެވުނު ތަނުގެ ނުފޫޒުން އެއްކިބާވެތިބެ މިނިވަންކަމާއިއެކު އެ ސްޓޭންޑރޑްގައި ބަޔާންކުރާ އެހެނިހެން ސްލޫކީ މިންގަނޑުތަކާއި އެއްގޮތަށްކަމަށެވެ.
2025 ވަނަ އަހަރުގެ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ މާލީ ބަޔާނުން ދައްކާގޮތުން 30 ސެޕްޓެމްބަރ އިން 31 ޑިސެމްބަރ ގެ ނިޔަލަށް މި ފަންޑަށް ލިބުނު ފައިސާގެ ޖުމްލަ އަދަދަކީ 157،827،372 ރުފިޔާއެވެ. އަދި މި ފަންޑުން 8،571،150 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެހެންކަމުން 2025ވަނަ އަހަރު ނިމުނުއިރު މި ފަންޑުގައި މުޅި ޖުމްލަ 149،256،222 ރުފިޔާ ހުރިކަމަށް މި ރިޕޯޓުން ދައްކައެވެ.
މާލިއްޔަތު ޤާނޫނުގެ ދަށުން ޤާއިމުކޮށް ހިންގަމުންދިޔަ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑު އުވާލައި، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން، ޓޫރިޒަމް ޓްރަސްޓް ފަންޑެއް އުފައްދައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވާފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ 19ވަނަ ދުވަހުއެވެ.
ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ބޭނުމަކީ ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ވިޔަފާރިތަކުންނާއި އެނޫންވެސް ފަރާތްތަކުން ލިބޭ ސްޕޮންސަރޝިޕް ފައިސާއާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން ހަދާ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޮތުގައި ފަންޑަށް ދައްކާ ފައިސާއާއި ފަންޑުން ޤާއިމްކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ އަދި އާންމުކޮށް އިއުލާންކޮށްގެން ހުޅުވާލެވޭ ބިޑް ތަކުގައި ޓްރެއިނިންގ އަށް ނެގޭ ފައިސާ މި ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ކަނޑައަޅާފައިވާ ގޮތަށް ބޭނުންކުރަން ޖެހެންދެން ޖަމާކޮށްފައި ބެހެއްޓުމެވެ.