އިޓާލިއަން ސެރީއާގައި އޭސީ މިލާން އާއި ވެނެޒިއާ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކޮށްފިއެވެ.
މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗު މިލާނުން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު ސުން ލަނޑުންނެވެ. މިލާނުން ގިނަ ހަމަލާ އުފެއްދި މިމެޗަކީ މިލާންގެ ކޯޗު ކަމާއި މިސީޒަންގައި ހަވާލުވި ރުބެން އަމޮރިމްގެ ކޯޗު ކަމުގެ ދަށުން އަމިއްލަ ދަނޑު ސެންސީރޯގައި ކުޅުނު ފުރަތަމަ މެޗެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް މިހާފު ވީ ވަރަށް ފޯރިގަދަ އަދި ބަލާހިތްވާކަހަލަ ކުޅުމެއް ފެނިގެންދިޔަ ހާފަކަށެވެ. މިގޮތުން މެޗުގެ ކުޅުން ފެށިތާ 53 ވަނަ ސިކުންތުގައި މިލާނަށް މެޗުގެ ލީޑު ނަގައިދޭނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މިލާންގެ މެދުތެރެއަށް ކުޅޭ އިންގަލަންޑްގެ ރުބެން ލޮފްޓަސް ޗީކް ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުން މިލާންގެ ޖަރޒީގައި ސެންސީރޯގައި ފުރަތަމަ މެޗު ކުލެމުންދިޔަ ގޮންކާލޯ ރާމޯސްއަށް ހިފޭގޮތެއް ނުވިއެވެ. މިސީޒަންގައި ޔޫަރަޕުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިންއިން މިލާނަށް ބަދަލުވި ރާމޯސްއަށް މިމެޗުގައި ލަނޑު ޖަހާނެ އިތުުރު ދެ ފުރުސަތެއް ލިބި ބޭކާރު ވެގެންދިޔައެވެ. މީގެތެރެއިންވެސް މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ފުރުސަތު ފާހަގަ ކޮށްލެވުނެވެ.
މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި މިލާނަށް ކާމިޔާބު ކޮށްދިނީ އެލެކްސިސް ސަލަމެންކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރާމޯސްއެވެ. މިއީ އޭނާ ސެރީއާގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. މިމެޗުގައި މިލާނުން ކާމިޔާބު ކުރި ދެވަަނަ ލަނޑަކީ މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ވެނެޒިއާގެ ރަޑުއާން ހަލްހާލް ގައިގާ ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
މިމެޗުގެ ކުރިން ވާހަކަ ދައްކަމުން މިލާންގެ ކޯޗު އަމޮރިމް ބުނީ އޭނާގެ ކޯޗު ކަމުގެ ދަށުން މިލާނުން ސެންސީރޯގައި ކުޅޭ ފުރަތަމަ މެޗު ހާއްސަ ވެގެންދާނެކަމަށް ގަބޫލް ކުރާ ކަމަށެވެ. އަދި އެކަން ވެގެންމިދިޔައީ އޭނާ މެޗުގެ ކުރިން ހީކުރިގޮތަށް ޚާއްސަ ވެގެންނެވެ. މިމެޗުގައި މިލާންގެ އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާ ކަމަށްވާ ޕޯޗުގަލްގެ ރަފައެލް ލިއާއޯ ނުކުޅެއެވެ. ލިއާއޮ މިހާރު އުޅެނީ ތުރުކީޔޭގެ ގަލަތަސަރާއީއަށް ބަދަލުވުމުގެ މަގުމަތީގައެވެ.
މިކާމިޔާބީ އާއެކު މިލާނުން އާސީޒަންގައި ސެރީއާގައި ކުޅުނު ފުރަތަމަ 2 މެޗު ކާމިޔާބު ކޮށްފައިވާއިރު މިނާކާމިޔާބީ އާއެކު ވެނެޒިއާ މިވަނީ މިލާން އަތުން 19 ވަނަ ފަހަރަށް ބަލިވެފައެވެ. މިލާނަކީ ސެރީއާގައި ވެނެޒިއާ އެންމެ ގިނައިން ބަލިވެފައިވާ ޓީމެވެ. އަދި ޔުވެންޓަސް އަތުން ވެނެޒިއާ ވަނީ 18 ފަހަރު ބަލިވެފައެވެ. އަމޮރިމްގެ ކޯޗު ކަމުގެ ދަށުން ލީގުގައި ކުޅުނު ފުރަތަމަ ދެމެޗު ކާމިޔާބު ކުރެވިފައިވާއިރު އަމޮރިމަށް ލީގުގައި ކުރިމަތިލާން ޖެހޭ ފުރަތަމަ ބޮޑު އިމްތިހާނާ މިއަންނަ ހަފްތާގައި ކުރިމަތިލާން ޖެހޭނެއެވެ. ސެޕްޓެމްބަރު މަހުގެ 6 ވަަނަ ދުވަހު ކުޅޭ އެމެޗުގައި މިލާން ރަށުން ބޭރުގައި ބައްދަލުކުރާނީ ޔުވެންޓަސް
އާއެވެ.