ޚަބަރު

އިންޖިނޭރުންގެ ދުވަހުގެ ރަމްޒު: ތާރީޚީ ސިނަމާލެ ބުރިޖަށް 8 އަހަރު


  • އިންޖިނޭރުން ދުވަސް ފާހަގަކުރަނީ ސިނަމާލެ ބުރިޖު އިފްތިތާޙްކުރެވުނު ދުވަހާއި ގުޅުވައިގެން

  • ޤައުމަށް ބިނާރީ މަސައްކަތްތައް ބޭނުންވާ އިންޖިނޭރުން މަދު

އިންޖިނޭރުންނަކީ ޢުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކުގެ އެންމެ މުގުލުގައި ތިބޭ މީހުންނެވެ. ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުން ފެށިގެން ގޮސް، ދަތުރުފަތުރާއި، ޑިޖިޓަލް ވަސީލަތްތަކާއި ހަމައަށް ފެނިގެންދަނީ އިންޖިނޭރުން މަސައްކަތެވެ. ރައްޔިތުންނަށް ސަރުކާރަކުންވާ މިފަދަ ކޮންމެ ވަޢުދަކީ އިންޖިނޭރުން އެކަމެއްގައި ޙިއްސާވާ މަސައްކަތްތަކެކެވެ.

ދިވެހި ތާރީޚަށް ބަލާއިރު، ކާބަފައިންގެ "އިންޖިނޭރު" ކަމުގެ ހުނަރ މާކަނޑު ހުރަސްކުރާ އޮޑިތަކުން ފެށިގެންގޮސް، ގަލުވަޑާމުގެ ފާޑުވެރިކަމާއި މިއަދާ ހަމައަށް ކޮޅަށް ހުރި ޤަދީމީ އާސާރުތަކުން އިހުގެ ދިވެހި އިންޖިނޭރުންގެ ހުނަރާއި ގާބިލުކަން ނުހަނު ފުރިހަމައަށް ރަމްޒުކޮށްދެއެވެ.

ދިވެހިރާއްޖޭގައި އިންޖިނޭރުންގެ ދުވަހެއް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިދިޔަ އަހަރު ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އޯގަސްޓް މަހުގެ 30ވަނަ ދުވަސް ޤައުމީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމުމުގެ ފަހަތުގައި ވަރަށް މުހިންމު ސަބަބެއް އެބައޮތެވެ. އެއީ މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވުމެވެ.

ސިނަމާލެ ބްރިޖަކީ މިރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ގޮތުން ކުރިއަށް ގެންގޮސް ނިންމާލެވިފައިވާ މިފަދަ އެންމެ ބޮޑު މަޝްރޫޢުއެވެ. ކަނޑު ހުރަސްކޮށް 3 ރަށެއް ގުޅުވާލާ ބްރިޖެއް އެޅިއިރު، އެއް އިރަކު އެންމެ ހަރު އަޑުން އުފެއްދި ސުވާލަކީވެސް "ކޮބާހޭ އެކަމުގެ އިންޖިނިއަރިން" އެވެ. މިއަދު އެއީ ޤައުމީ ފަޚުރެއްކެވެ. 2 ޤައުމެއްގެ ގުޅުމުގެ މުހިންމު ރަމްޒެކެވެ. ސިނަމާލެ ބުރިޖު ހުޅުވިތާ މިއަދަށް 8 އަހަރު ފުރޭއިރު، މި ބުރިޖުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށާއި، އިޤްތިޞާދަށް، އަދި އިޖްތިމާޢީ ހުރިހާ ޚިދުމަތަކަށްވެސް ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައެވެ.

މިއަދު އެއަށްވުރެ ބޮޑު ބްރިޖެއްގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖޭގެ ތަރައްޤީގެ މިސްރާބު އެއްކޮށް ބަދަލުކޮށްލީ އިންޖިނޭރުންނެވެ. ރާއްޖޭގައި މިފަދަ އެތަކެއް ބިޔަ މަޝްރޫޢުތައް ކުރިއަށްދާއިރު، މިއަދު ޤައުމަށް ދިވެހި އިންޖިނޭރުންގެ ބޭނުން އިންތިހާއަށް މިވަނީ ބޮޑުވެފައެވެ. ބިޔަ މަޝްރޫޢުތައް މިއަދު ބޭރުގެ އެހީގައި ކުރިއަށް ގެންދިޔަނަމަވެސް، އެ މަސައްކަތްތައް ދެމެހެއްޓެނި ގޮތެއްގައި ބެލެހެއްޓުމަށް މީހުން ބިނާ ކުރަންޖެހެއެވެ.

ރަށްރަށުގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތަކަކީ އިންޖިނޭރުން ނެތި ކުރިއަށް ނުގެންދެވޭނެ މަސައްކަތްތަކެވެ. ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވާއިރު، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުމުގެ މަސައްކަތް ކުރާއިރު، އުޅަނދުތައް ބެލެހެއްޓުމަށް ބޭނުންވާ މެރިން އިންޖިނޭރުންނާއި އެއަރކްރާފްޓް އިންޖިނޭރުންގެ މަތިން ހަނދާކުރަން ޖެހެއެވެ. ބަވަނަވެފައިވާ ދުނިޔެއާއި އަޅުގަނޑުމެން ގުޅުވާލަދޭ އައިޓީ އިންޖިނިއަރުންގެ ހަނދާން ނައްތަލައިގެން ނުވާނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފޯރުކޯށްދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ އިތުރު ކުރަންޖެހެއެވެ. އަދި މިހާރު ތިބި މުވައްޒަފުންނަށް ތަމްރީނާއި ތަޖުރިބާ ލިބޭނެ މަގުފަހި ކޮށްދޭން ޖެހެއެވެ. ދައިރާއަށް މީހުން ބިނާކޮށް މިހާރު ޤައުމަށް އަގުނުކުރެވޭ ޚިދުމަތް ކޮށްދެމުންދާ އަދި މިހާތަނަށް ކޮށްދީފައިވާ ފަރާތްތައް އަގުވަޒަން ކުރަންޖެހެއެވެ. މިއަހަރު ފުރަތަމަ ފަހަރަށް ދޭ އިންޖިނިއަރސް އެވޯޑު ބޭނުމަކީވެސް މިއީއެވެ.