މި ސީޒަނަށް 300 މިލިއަން ޕައުންޑަށްވުރެ ބޮޑު ހޭދައެއް ކޮށްފައިވާ ޓޮޓްނަމް ހޮޓްސްޕަރ ރޭ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.
ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ފަސްދޮޅަސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ޓޮޓްނަމް އިންނެވެ. ނަމަވެސް އެ ޓީމަށް ވަނީ ނިއުކާސަލްގެ ގޯލު ހުޅުވާލެވޭ ގޮތް ނުވެފައެވެ.
1992 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ފުރަތަމަ ޑިވިޝަނުގެ ނަން ޕްރިމިއާ ލީގަށް ބަދަލުކުރި ފަހުން މި ދެ ޓީމުގެ މެޗެއް ލަނޑެއް ނުޖެހި އެއްވަރުވެފައެއް ނުވެއެވެ. ލީގުގެ ފުރަތަމަ މެޗުގައި ބްރެންޓްފޯޑް އަތުންވެސް ޓޮޓްނަމް ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ.
ނިއުކާސަލްގެ ކޯޗު މެތިއަސް 52 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއިން އެ ޓީމާއި ގުޅުނު ނިކޯ ގޮންޒާލޭޒް އަށް މި މެޗުގައި ފުރުސަތު ދީފައިވާއިރު އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ނިއުކާސަލް އިން ޓޮޓްނަމް ގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 62 ވަނަ މިނިޓުގައި އެންތޮނީ އެލަންގާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި އޭގެ ދިހަ މިނިޓު ފަހުން ވޮލްޓްމޭޑް ދިން ޕާހަކުން ޔޯން ވިއްސާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.
މި މެޗުން ނިއުކާސަލް ޔުނައިޓެޑް މޮޅުވިއިރު މިއީ އެ ޓީމުގެ ކޯޗު ކަމާއި އަލަށް ހަވާލުވި މެތިއަސްގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި އޭނާ ކޯޗުކޮށްދިން ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ.
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޓޮޓްނަމް ހޮޓްސްޕަރ ޕްރިމިއާ ލީގުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު, ދެ މެޗުންވެސް ބަލިވެ އަދި މިހާތަނަށް ލީގުގައި ލަނޑެއް ޖެހިފައެއް ނުވެއެވެ.