ޤައުމުގެ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގައި ތިމާގެ ހިއްސާއެއް އޮތްކަމުގެ އިޙްސާސް ކުރެވުމަކީ އެކަމުގައި އުފާވެރިކަން ލިބޭކަމެކެވެ. މަގުތަކާއި އެއަރޕޯޓުތަކާއި ބޮޑެތި ޢިމާރާތްތަކާއި ބްރިޖް ފަދަ އިންޤިލާބީ މަޝްރޫޢުތައް އޭގެތެރޭގައި ހިމެނެއެވެ.
އިންޖިނިއަރިންގެ ދާއިރާގައި 8 އަހަރު ހޭދަކުރިނަމަވެސް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މުހިއްމު މަޝްރޫޢުތަކެއްގައި ޢަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު ލިބުނު އެއް އިންޖިނިއަރަކީ އެމްޓީސީސީގައި މަސައްކަތް ކުރަމުން އަންނަ އަޙްމަދު އިމާދެވެ. ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޑިގްރީ ހާސިލުކޮށް، ސްޓަރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓަރސް ފުރިހަމަކޮށް މިއަދު އޭނާދަނީ އެމްޓީސީސީގެ ކޮންސްޓްރަކްޝަން އަދި ޑްރެޖިންގ ޓީމު މެނޭޖްކުރައްވަމުންނެވެ.
އިމާދު ބުނީ އޭނާއަށް މިދާއިރާއަށް ޝައުގުވެރިވެވުނު ސަބަބަކީ ޢިމާރާތްތައް ހުންނަގޮތާމެދު ކުޑައިރުން ފެށިގެން ހިތަށް އަރަމުންދާ ސުވާލުތަކާއެކު އުފެދުނު ޝައުގެއްކަމަށެވެ. ސްކޫލްގައި އުޅުނުއިރުވެސް ޢިމާރާތްތައް ހަދަން ކުރަންޖެހޭ މަސައްކަތްތަކާއި އެކަންކުރަނީ ކިހިނެތްހޭ އަބަދުވެސް ހިތަށް އަރާކަމަށް އޭނާ ބުންޏެވެ. އޭރު ކޮންސްޓްރަކްޝަން ސައިޓުތައް ފެނުމުންވެސް ވަރަށް ޝައުގުވެރިވާކަމަށް އޭނާ ބުންޏެވެ.
"އަސްލު ސައިންސް ޗޫޒްކޮށް، ފިޒިކްސް އަދި މެތްސްއިން ސްޓްރޯންގ ބެކްގްރައުންޑެއް ހުރެފަ އަމިއްލައަށް މަސައްކަތެއް ކުރަންޏާ ކުރުން އެންމެ ރަނގަޅު މަސައްކަތަކީ އިންޖިނިއަރިންގެ މަސައްކަތްކަމަށް ޤަބޫލުކުރެވުނީ." އިމާދު ބުންޏެވެ.
އިމާދު ބުނީ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިއްމު ބައިވެރިޔަކީ އިންޖިނިއަރިންކަމަށެވެ. ސިވިލް އިންޖިނިއަރިންނަށް އެކަނި ބަލާލިނަމަވެސް އިތުރު ސަބް ސްޕެޝަލް ޑިސިޕްލިންތައް ހުންނަކަން އޭނާ ފާހަގަކުރިއެވެ. އޭގެތެރޭގައި ސްޓްރަކްޗަރަލް އިންޖިނިއަރިންއާއި، ކޯސްޓަލް އިންޖިނިއަރިންއާއި ރޯޑް އިންޖިނިއަރިންގެ ދާއިރާ ހިމެނެއެވެ.
އިމާދު ބުނީ ރާއްޖޭގައި މަސައްކަތްކުރާއިރު މަޝްރޫޢުތަކަށް ބޮޑެތި ބަދަލު ގެނެސް ގިނަ ވަގުތެއް ހޭދަވާ އެއްކަމަކީ ޑިޒައިންކޮށް ނިމޭއިރު އެކަމަށް ބޭނުންވާ ސާމާނު ނުލިބުމުގެ މައްސަލަކަމަށެވެ. އެއާއެކު ޑިޒައިނަށް ބަދަލުގެންނަޖެހުމަކީ މިދާއިރާއިން ދިމާވާ ބޮޑު ގޮންޖެހުމެއްކަމަށް އޭނާ ފާހަގަކުރިއެވެ.
ދާއިރާގައި ކުރެވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ، ބޮޑުތަކުރުފާނު މަގުގެ މަޝްރޫއާއި، ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތްތަކަމަށް އިމާދު ބުންޏެވެ. އަދި އަމިއްލައަށް މަސައްކަތްކުރެވިފައިވާ މަޝްރޫޢުތައް ހަމަލޮލަށް ފެނުމަކީ އުފާވާކަމެއްކަމަށް އޭނާ ބުންޏެވެ. އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގައި އިންޖިނިއަރިންގ ދާއިރާ ރެގިއުލޭޓްކުރެވޭނެ ޤާނޫނީ ޝަޚުސެއް ޤާއިމުވެގެންދާ ދުވަހެއްކަމަށް އިމާދު ބުންޏެވެ.