އަންނަމަހު ޖަޕާނުގެ ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީޓީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ޝައްފާން އިސްމާއިލް އިތުރު ޓްރޭނިންތަކެއް ހެދުމަށް ޖަރުމަނަށް ފުރައިފިއެވެ.
ޓްރޭނިންއަށް ފުރުމުގެ ކުރިން މާލޭ ޓީޓީ ހޯލުގައި ކުރިއަށްދިޔަ ފަރިތަކުރުންތަކެއްގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޝައްފާން ބުނީ ރާއްޖޭގައި ޓީޓީ ކުޅޭ ކުޅުންތެރިންގެ އަދަދު މަދުވުމަކީ މުބާރާތްތަކާ ކުރިމަތިލާއިރު ދިމާވާ ގޮންޖެހުމެއްކަމަށެވެ. އެންމެ އެކަށީގެންވާ ގޮތަކަށް މުބާރާތްތަކަށް ތައްޔާރުވާނަމަ، މެޗު ޕްރެކްޓިސްތައް ވަރަށް މުހިންމުކަން އޭނާ ފާހަގަކުރިއެވެ.
އެގޮތުން އޭޝިއަން ގޭމްސްގެ ކުރިން ޖަރުމަނަށް ގޮސް އެކޮޅުން ޓްރޭނިންތަކެއް ހެދުމަށް ނިންމީކަމަށް އޭނާ ބުންޏެވެ. އަމިއްލައަށް ކުރާ މިދަތުރުގެ ބޭނުމަކީ ގިނަ ކުޅުންތެރިންތަކަކާ ވާދަކޮށް، މުބާރާތުގެ ކުރިން ތަޖުރިބާތަކެއް ހޯދުންކަމަށް ޝައްފާން ބުނެފަވެއެވެ.
"ޝައްފާން ޕާސަނަލީ މިއުޅެނީ ފުރަންވެގެން ޓްރޭނިންއަކަށް ޖަރމަނީއަށް. ހީވަނީ ރަނގަޅުވާނެހެން. މިކޮޅުގެ ކުޅޭ ކުދިން ވަރަށް މަދު. އެކޮޅުގައި ގިނަ ޕްލެޔާޒްއާ ވާދަކޮށްލެވުނީމަ ހީވަނީ ރަނގަޅުވާނެހެން" ޝައްފާން ބުންޏެވެ.
އަންނަމަހުގެ 19 އިން އޮކްޓޯބަރުމަހުގެ 4 އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ފަހުގެ ތައްޔާރީތައް ޝައްފާންވަމުން އަންނައިރު، އޭނާގެ އަމާޒަކީ މީގެ ކުރީ އަހަރުތަކުގެ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް މިފަހަރުގެ މުބާރާތުން ލިބުންކަމަށް ޝައްފާން ބުންޏެވެ.
"ކުރީ މުބާރާތްތަކަށްވުރެ ރަނގަޅަށް ޕާފޯމްކުރުން ޓާގެޓަކީ" މީގެ ކުރިންވެސް އޭޝިއަން ގޭމްސްގައި ޤައުމު ތަމްސީލުކޮށްފައިވާ ކުޅުންތެރިޔާ ބުންޏެވެ.
ޖަރުމަނުގައި ހަދާ ތަމްރީނުތަކަށްފަހު ޝައްފާން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 14 ވަނަ ދުވަހުއެވެ. އެއަށްފަހު ޖެހިގެން އަންނަދުވަހު ޤައުމީ ޓީމާއެކު އޭނާވެސް މުބާރާތުގައި ވާދަކުރުމަށް ޖަޕާނަށް ފުރާނެއެވެ.