އިންޓަރނޭޝަނަލް ޓެނިސް ހޯލް އޮފް ފޭމްގެ ޝަރަފު ސްވިޓްޒަލެންޑްގެ ކުރީގެ ކުޅުންތެރިޔާ ރޮޖަރ ފެޑެރަރއަށް އަރުވައިފިއެވެ.
ގްރޭން ސްލޭމްގެ 20 މުބާރާތް ހޯދާފައިވާ އަދި 2022 ވަނަ އަހަރު ކުޅުން ހުއްޓާލި ފެޑެރަރއަށް މިޝަރަފް އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމެރިކާގެ ރޯޑް އައިލަންޑްގެ ނިއުޕޯޓުގައެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފެޑެރަރ ބުނީ މިއީ އޭނާގެ ހަޔާތުގައި ލިބުނު އެއްމެބޮޑު ޝަރަފު ކަމަށެވެ. އުމުރުން 45 އަހަރުގެ ފެޑެރަރ ބުނީ މިއަށް ހޯލް އޮފް ފޭމް އޭ ކިއުނު ކަމުގައިވީ ނަމަވެސް އޭނާގެ މަޤްސަދަކަށްވީ މަޝްހޫރުކަން ހޯދުން ނޫން ކަމަށާއި އޭގެބަދަލުގައި އޭނާ އެންމެ ކުޅޭހިތްވާ ކުޅިވަރު ކުޅުމުގައި ހަޔާތް ހޭދަކުރުން ކަމަށެވެ.
1998 ވަނަ އަހަރު އުމުރުން 16 އަހަރުގައި ޓެނިހުގެ މެއިން ޓުއަރ ގައި ކުޅެން ފަށާފައިވާ ފެޑެރަރވަނީ ވިމްބަލްޑަން ތަށި ރިކޯޑް އަދަދެއް ކަމަށްވާ 8 ފަހަރު، އޮސްޓްރޭލިއަން އޯޕަން 6 ފަހަރު، ޔޫއެސް އޯޕަން 5 ފަހަރު އަދި ފްރެންޗް އޯޕަން އެއް ފަހަރު ކާމިޔާބު ކޮށްފައެވެ. ފެޑެރަރއަށް ވުރެ ގިނައިން ގްރޭން ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވަނީ 22 މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލް އާއި 24 މުބާރާތް ކާމިޔާބުކޮށް 25 ވަނަ މުބާރާތެއް ކާމިޔާބު ކުރުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ސަރބިއާގެ ނޯވަކް ޖޯކޮވިޗެވެ. ނަމަވެސް މިދެ ކުޅުންތެރިންނަށްވެސް ފެޑެރަރގެ ރިކޯޑާއި އަރާ ހަމަކުރަން ގިނަ ދުވަސް ތަކެއް ނެގިއެވެ.
ފެޑެރަރ ފުރަތަމަ ފަހަރަށް ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކޮށްފައިވަނީ 2003 ވަނަ އަހަރު ވިމްބަލްޑަން މުބާރާތުގައެވެ. އަދި ދުނިޔޭގެ އެއްވަނަ ކުުޅުންތެރިޔާގެ ގޮތުގައި 310 ހަފްތާ އޭނާ ހުއްޓެވެ. މިރިކޯޑާއި އަރާ ހަމަކުރަންވެސް ޖޯކޮވިޗަށް ގިނަ ދުވަސް ތަކެއް ނެގިއެވެ. މީގެއިތުރުން ފެޑެރަރވަނީ އޮލިމްޕިކްސްގައި ޑަބަލްސް އިން 2008 ވަނަ އަހަރު ބެއިޖިންގގައި ބޭއްވި މުބާރާތުގައި ރަން މެޑަލް ހޯދައިފައެވެ. އަދި ސިންގަލްސްއިން 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވި މުބާރާތުން ރިހި މެޑަލް ހާސިލްކޮށްފައެވެ. ފެޑެރަރވަނީ 2014 ވަނަ އަހަރު ޑޭވިސް ކަޕްގެ ތަށި ސްވިޓްޒަރލަންޑުން ފުރަތަމަ ފަހަރަށް ހޯދިއިރު އެޓީމުގައިވެސް ހިމެނިފައެވެ.
އުމުރުން 13 އަހަރުގައި ބާޒެލްގައި ބޭއްވި އޭޓީޕީ މުބާރާތެއްގައި ބޯލް ބޯއިއެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށި ފެޑެރަރގެ ކެރިއަރުގައި ގިނަ ބަޔަކަށް ނޭނގޭ ބައެއް ކަންތައްތަކުގެ ވާހަކަވަނީ މިރަސްމިއްޔާތުގައި ހިއްސާކޮށްފައެވެ. މިގޮތުން 1998 ވަނަ އަހަރު ކުޅުން ފެށި ހިސާބުން 2022 ވަނަ އަހަރު ކުޅުން ހުއްޓާލުމާއި ހަމައަށް އޭނާ މެޗުތަކުގައި 5000 އަށް ވުރެ ގިނަ ހެޑް ބޭންޑް ބޭނުންކުރިކަން ހާމަކުރިއެވެ. މިއީ ބިޔޯން ބޯގްއާއި ޖޯން މެކެންރޯ ދެކުޅުންތެރިން އެއްކޮށްލުމުން ބޭނުން ކޮށްފައިވާ އަދަދަށް ވުރެ އިތުރު އަދަދެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި 7000 އިސްޓާކީނު ބޭނުން ކުރެވުނު ކަމަށާއި މިއީ އާންމުކޮށް އޭނާ އާއި އިދިކޮޅަށް ކުޅޭ ކުޅުންތެރިން ބޭނުން ކުރާ ވަރަށް ވުރެ ދެ ގުނަ އިތުރު އަދަދެއް ކަމަށް ފެޑެރަރ ބުންޏެވެ. އޭނާ ބުނީ ކޮންމެ މެޗެއްގައިވެސް މަތިމަތިން ދެ އިސްޓާކީނު އޭނާ ލާ ކަމަށެވެ.
ފެންކަޅިވެފައިހުރެ ވާހަކަ ދައްކަމުން ފެޑެރަރ ވަނީ އޭނާގެ އަންހެނުން އާއި ޓެނިހުގައި އޭނާގެ އައިޑޮލް ސްޓެފެން އެޑްބަރގަށް އަދި އޭނާ ކުޅުނު ހުރިހާ މެޗެއްގައި ހަރަކާތްތެރިވި ބޯލް ބޯއިސްއަށް ޝުކުރު އަދާކޮށްފައެވެ. ހަމައެއާއެކު އެކި ޖީލުގެ ކުޅުންތެރިންނާއި ކުޅުމުގެ ޝަރަފް ލިބުމަކީ އޭނާގެ ނަސީބު ކަމުގައި އޭނާ ފާހަގަ ކުރިއެވެ. މީގެތެރޭގައި އަންޑްރޭ އަގާސީ، ލޭޓަން ހެވިޓް، އެންޑީ ރޮޑިކް އަދި ނަޑާލް އާއި ޖޯކޮވިޗްގެ ނަން ފެޑެރަރ ފާހަގަ ކުރިއެވެ.