ޚަބަރު

ތިމަރަފުށީ އެފްއާރްސީގެ މަސައްކަތް އާރްޑީސީއަށް


  • އާރްޑީސީ ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 180 ދުވަހުން ނިންމުމަށް

  • ރާއްޖޭގެ ހުރިހާ ރަށެއްގައި އެފްއާރްސީ އަދި އައުޓްޑޯ ޖިމް ހެދުމަކީ ސަރުކާރުގެ އަމާޒެއް

ކޮޅުމަޑުލު ތިމަރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަން ލިމިޓެޑް، އާރްޑީސީއާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް އާރްޑީސީއާ ހަވާލުކުރުމަށް، ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ކުޅިވަރުގެ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢެވެ. އާރްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ.

މި މަޝްރޫޢު އާރްޑީސީއާ ޙަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާގޮތަށެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ އާބާދީއަކަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނެސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ޤާއިމްކޮށްދެއްވުމެވެ.