ޑެސްޓިނޭޝަން ޕްރިންސިޕަލް ތަޢާރަފްކުރެވިގެން ދިއުމުގެ އޭގެ ފައިދާ އިޤްތިޞާދަށް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 7 ބިލެއް ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތައްފަހު ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ތަސްދީގުކުރެއްވި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ 8ވަނަ އިސްލާހު ގަނައުމުގެ ބިލަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ހާސިލްކުރުމަށް ތަސްދީގުކުރެއްވި ބިލެކެވެ. މީގެ ބޭނުމަކީ މުޅިން އަލަށް ޓެކްސްއެއް ނަގައި ނުވަތަ ރައްޔިތުން އަތުން ޓެކްސް ނަގާ ރޭޓު މަތިކުރުމަކަށް ނޫނެވެ. މި ބިލުގެ ބޭނުމަކީ ޓެކްސް ބޭސް ފުޅާކުރުން ނުވަތަ ޓެކްސް ނެގޭ މީހުން އިތުރުކުރުމެވެ.
މި ބިލް ތަސްދީޤުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ 8ވަނަ އިސްލާހު ގަނައުމުގެ ބިލަކީ ޑެސްޓިނޭޝަން ޕްރިންސިޕަލްއާ ގުޅިފައިވާ އިސްލާހެއްކަމަށެވެ. މިއީވެސް ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. މި ބިލު ޚާއްސަ ކުރެވިފައިވަނީ ޓުއަރިޒަމް ދާއިރާއަށްކަން ރައީސް ފާހަގަކުރެއްވިއެވެ.
"ޓުއަރިޒަމް ދާއިރާއިން މީގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކުރިއެރުމެއް މީގެތެރެއިން ލިބިގެން އެބަދޭ. އިންޕައުންޑް ޕްރޮޑަކްޓްތައްކަމަށްވާ އެކޮމޮޑޭޝަން، ކެއުން، ދަތުރުފަތުރު އަދި އެނޫންވެސް ޓުއަރިޒަމް ހަރަކާތްތަކުން އަޅުގަނޑުމެންނަށް މީގެއިން މި ޖީއެސްޓީ ނެގުމުގެ ފުރުސަތު %17 ރޭޓުގައި ނެގިގެން މިދަނީ. އެހެންވީމަ ޑެސްޓިނޭޝަން ޕްރިންސިޕަލް ތައާރަފްކުރެވިގެން ދިއުމުގެ އޭގެ ފައިދާ އިޤްތިޞާދަށް ކުރާނެ." ރައީސް ވިދާޅުވިއެވެ.
މި ބިލަކީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި އޮފް ޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމެވެ.
މި ބިލު އަމާޒުކޮށްފައިވަނީ ދިވެހިންނަށްވުރެ ބޮޑަށް ބޭރުގައި ހަރަކާތްތެރިވާ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށެވެ. މި ބިލުގައި އީކޮމާސް ޕްލެޓްފޯމްތަކާއި ސަބްސްކްރިޕްޝަން ޚިދުމަތްދޭ ބޭރުގެ ވިޔަފާރިތަކެއް ނުހިމެނެއެވެ.
ޑެސްޓިނޭޝަން ޕްރިންސިޕަލަކީ މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދިން ފަރާތް ކޮންމެ ތަނެއްގައި ހުރި ނަމަވެސް، ދިވެހިރާއްޖޭގައި ބޭނުންކުރާ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނެގުމެވެ. މިކަން ހާސިލުކުރުމަށްޓަކައި އިމްޕޯޓުކުރާ ވަގުތު ޖީއެސްޓީ ނެގުމާއި ރާއްޖޭން ބޭރުގައި ހިންގާ ވިޔަފާރިތަކުން ރާއްޖޭގައި ބޭނުންކުރާ ގޮތަށް މުދަލާއި ޚިދުމަތް ފޯރުވައިދޭ ނަމަ ޖީއެސްޓީ ރަޖިސްޓަރީ ކުރަންޖެހުން ހިމެނެއެވެ.
ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ދިވެހި ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނަކީ ޖީއެސްޓީ ނަގާ ދައްކާ ބައެއް ކަމުން، އެ ފަރާތްތަކުން ވިއްކާ ފަތުރުވެރިކަމުގެ ޕެކޭޖްތަކުގެ އަގާއި ބޭރުގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކުން ވިއްކާ ފަތުރުވެރިކަމުގެ ޕެކޭޖްތަކުގެ އަގުތަކުގައި ފަރަގެއް އޮވެއެވެ. އެފަރާތްތަކުން ޖީއެސްޓީ ނުނަގާ އަގުހެޔޮކުރުމުން ވާދަވެރިކަން ގެއްލި ދިވެހި ވިިޔަފާރިތަކަށް އެފަރާތްތަކާއި ވާދަކުރުމުގެ ފުރުސަތު ކުޑަވެއެވެ.