ޚަބަރު

"ދިވެހި ރުފިޔާ ދައުރުވާ ނިޒާމަކަށް ބަދަލުކުރަން 10ވަރަކަށް އަހަރު ނަގާނެ"


  • ރައީސް ވިދާޅުވީ މިކަން ކުރުމަކީ ސަރުކާރުތަކުން ބޭނުންވާ ކަމެއްކަމަށް

  • މިކަން ކުރެވޭނީ މަރުޚަލާތަކަކަށް ބަހާލައިގެންކަން ފާހަގަކުރެއްވި

ބޭރު ފައިސާއަށް ބަރޯސާވުން ކުޑަކޮށް، ދިވެހި ރުފިޔާ ދައުރުވާ ނިޒާމަކަށް ރާއްޖޭގެ މާލީ ނިޒާމު ބަދަލުކުރެވޭނީ މަރުޚަލާތަކަކުން އަޅާ ފިޔަވަޅުތަކަކުންކަމަށާއި، އެކަމަށް 10 ވަރަކަށް އަހަރު ނަގާނެކަމަށް ޤަބޫލުކުރެވޭކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ދިވެހި ރުފިޔާ ދައުރުވާ ނިޒާމަކަށް ނުވަތަ ދިވެހި ރުފިޔާއިން މުޢާމަލާތްކުރެވޭ ނިޒާމަކަށް ރާއްޖޭގެ މާލީ ނިޒާމު ބަދަލުކުރުމަކީ ހުރިހާ ސަރުކާރުތަކުންވެސް ދިއުމަށް ބޭނުންވާ އަމާޒުކަމަށެވެ.

ރައީސް ވިދާޅުވީ މި ޢަމާޒަށް ވާސިލުވެވޭނީ ހުރިހާ އިދާރާތައް ގުޅިގެން ކުރާ މަސައްކަތަކުންކަމަށާއި މިއީ ވަރަށް ގިނަ މަރުޚަލާތަކެއް ފުރިހަމަކުރަންޖެހޭ ކަމެއްކަމަށެވެ.

"މިއީ އެއް ދުވަހުން ދެ ދުވަހުން ވާނެ ކަމެއް ނޫން. ރާއްޖެއިން ކޮށްފަވާ އިންވެސްޓްމަންތްތައް ލޯނުތައް އަދި މިފަދަ ހުރިހާ ކަމަކާ ގުޅިފަވާ ކަމެއް މިއީ. 10 އަހަރުގެ ރާސްތާއެއް ނަގާނެކަމަށް ބެލެވެނީ އެހިސާބަށް އެއްކޮށް ގެންދިއުމަށް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި އޮތީ ވަރަށް މަސްހުރި ނިޒާމެއްކަމަށެވެ. ބޭރުފައިސާ ނުވަތަ ޚާއްސަކޮށް ޑޮލަރު ގިނަ އަދަދަކަށް ބޭނުންކުރާއިރު މިކަމަށް ވަރަށް ތަފްސީލީ ގޮތެއްގައި ރިއާޔަތްކުރެވިގެން ނޫނީ މި ބަދަލު ނުގެނެވޭނެކަމަށެވެ.

މަސައްކަތްތައް ބަހާލާ ތަރުތީބުކުރެވި، މުޅި ނިޒާމު ދިވެހި ރުފިޔާގެ ނިޒާމަކަށް ބަދަލުކުރުމަށް 10ވަރަކަށް އަހަރު ނަގާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މާލީ ނިޒާމުގައި ބޭރު ފައިސާ ބޭނުންކުރެވޭގޮތުގައި މާބޮޑު ކޮންޓްރޯލެއް ނޯވެއެވެ. ޚާއްސަކޮށް ޑޮލަރުން މުޢާމަލާތްކުރުމުގައި އޮތީ ހުޅުވިފައި އޮތް މާކެޓެކެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުގައި މި ނިޒާމު އޮތީ، އެ ޤައުމެއްގެ ރަސްމީ ފައިސާއަށް މާރުކޮށް، ފައިސާގެ މުޢާމަލާތްކުރެވޭނެ ނިޒާމެކެވެ.