ޚަބަރު

އަމާން އުދަރެސް ޓަވަރުން ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު


  • 16 އަހަރުގެ އަންހެންކުއްޖަކު ވެއްޓިފައިވަނީ 3 ވަނަ ފަންގިފިލާއިން

  • ހާދިސާ ހިނގީ އިއްޔަ ހެނދުނު 11:35 ހާއިރު

ހުޅުމާލޭގައި އަލަށް މީހުން ދިރިއުޅެން ފެށި "އަމާން އުދަރެސް" ޓަވަރަކުން އިއްޔެ ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަމާން އުދަރެސް 2 ގެ ތިންވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ އުމުރުން 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. މި ހާދިސާއާ ގުޅިގެން އެ ކުއްޖާއަށް ފަރުވާ ދިނުމަށް ވަގުތުން ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ކުއްޖާއަށް ސީރިއަސް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށާއި ކުއްޖާގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ. އަދި ހާލަތު އިތުރަށް ދެނެގަތުމަށްޓަކައި އެ ކުއްޖާއަށް މިހާރު ވަނީ އައިޖީއެމްއެޗްއަށް ބަދަލުކޮށްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާ ހިނގި ގޮތުގެ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ސާފުވާގޮތް ވަނީ ނުވެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މި ހާދިސާ ހިނގި ގޮތް ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.