ޚަބަރު

ވޯލްޑްކަޕުން މަޝްހޫރުވި އެމެރިކާގެ ބަލޮގަން އެވަޓަން އަށް!


  • ބަލޮގަން މަޝްހޫރުވީ ވަރލްޑްކަޕްގައި ދެއްކި ރަތްކާޑަކަށް އަމަލުކުރުން ފަސްކުރުމުން

ފީފާ ވޯލްޑްކަޕުން މަޝްހޫރުވި އެމެރިކާ ފޯވާޑް ފޮލަރިން ގަލޮގަން އެވަޓަންއަށް ބަދަލުވާން ތައްޔާރުވެއްޖެއެވެ. މިއަދު ޓްރާސްފަރ ދޮރު ބަންދުވުމުގެ ކުރިން 40 މިލިއަން ޕައުންޑްގެ ފީއަކަށް, މޮނާކޯ ދޫކޮށް ބަލޮގަން އެވަޓަންއާ ގުޅޭނެ ކަމަށް ރުޕޯރޓްތައް ބުނެއެވެ.

25 އަހަރުގެ ބަލޮގަންގެ އިތުރުން ޓޮޓްނަމްގެ ބްރެޒިލް ފޯވާޑް ރިޗާލިސަން ގެންދަންވެސް އެވަޓަން ދަނީ މަސައްކަތް ކުރަމުންނެވެ.
ބަލޮގަން މަޝްހޫރުވީ އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ނިމުނު ފީފާ ވޯލްޑްކަޕްގައި ދެއްކި ރަތްކާޑަކަށް އަމަލުކުރަން އަހަރަކަށް ފަސްކުރުމުންނެވެ. މުބާރާތުގެ ގަދަ 32 ޓީމް ބުރުގައި ބަލޮގަންއަށް ރަތްކާޑް ދެއްކީ ބޮސްނިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރި ނުރައްކާތެރި ފައުލަކަށެވެ. އެމުބާރާތުގައި އެމެރިކާ ޓީމުން އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާ ބަލޮގަންއަށް ދެއްކި ރަތްކާޑާއެކު އޮޓޮމެޓިކް ސަސްޕެޝަނެއް ކުރިމަތިވި ނަމަވެސް, އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުފޫޒާއެކު އެކާޑަށް އަމަލުކުރުން އަހަރަކަށް ފަސްކުރިއެވެ. ނަތީޖާއެއްގެ ގޮތުން ގަދަ 16 ޓީމްގެ ބުރުގައި ބެލްޖިއަމްއާ ދެކޮޅަށް ބަލޮގަން ކުޅުނެވެ. އެކަމަކު މެޗުން އެމެރިކާ ބަލިވެ ކެޓިއެވެ.

މުބާރާތުގައި 3 ގޯލު ޖެހި ބަލޮގަންގެ ސަސްޕެންޝަނަށް އަމަލުކުރުން ފަސްކުރުމުގައި ނުފޫޒު އޮތްކަމަށް ޔުއެފާއާއި އެހެންވެސް ފުޓްބޯޅައިގެ އިދާރާތަކުންނާއި, ލެޖެންޑުން ދިޔައީ ބުނަމުންނެވެ. އެކަމަކު އެފަދަ ނުފޫޒެއް ފޯރުވި ކަމަށް ފީފާގެ ރައީސް އިންފަންޓީނޯ އިންކާރު ކުރިއެވެ.

ބަލޮގަން މޮނާކޯއަށް ބަދަލުވީ ކުޑައިރުގެ ކްލަބް އާސެނަލްއިން 2023 ވަނަ އަހަރުއެވެ. މޮނާކޯއަށް ކުޅުނު 91 މެޗުން 31 ގޯލު ޖެހިއެވެ. އަދި އެމެރިކާ ގައުމީ ޓީމަށްވެސް 31 މެޗުން 12 ގޯލް ވަނީ ޖަހާފައެވެ.