ޚަބަރު

ރާއްޖޭގެ ދެވަނަ މެޗު ލަންކާއާ ދެކޮޅަށް މިއަދު


  • ފުރަތަމަ މެޗުގައި ބުރޫނާއި އަތުން ރާއްޖެވީ މޮޅު

  • ލަންކާ ބަލިކޮށްގެން ރާއްޖެއަށް ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑު

  • ރާއްޖެ ކުޅެނީ ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ ޤައުމީ ޓީމުން ކުޅޭ ދެވަނަ މެޗު މިއަދު އޮންނާނެއެވެ.

ކޮލިފައިންގައި ރާއްޖޭގެ ދެވަނަ މެޗުގައި ބައްދަލުކުރަން ޖެހެނީ ސްރީލަންކާއާ ދެކޮޅަށެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި ބްރޫނާއީއާ ދެކޮޅަށް ކުޅުނު އިރު އެ މެޗުން ރާއްޖެ މޮޅުވީ، 0-2ގެ ނަތީޖާއަކުންނެވެ. ލަންކާގެ ފުރަތަމަ މެޗުގައި މިޔަންމާއާ ދެކޮޅަށް ކުޅެ ބަލިވީ 0-4ގެ ނަތީޖާއަކުންނެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ ޑިވެލޮޕްމަންޓް ފޭސްގައެވެ. ރާއްޖެ، ލަންކާ، މިޔަންމާ އަދި ބްރޫނާއި އެކުލެވިގެން ވަނީ ޑިވެލޮޕްމަންޓް ފޭސްގައި، ގްރޫޕް ކޭގައެވެ. ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ތިން ގުރޫޕަކުން ޖުމްލަ 12 ޓީމު ވާދަކުރެއެވެ. މުބާރާތުގެ ކޮލިފައިންގް ފޭސްއަށް ދަތުރުކުރާނީ މީގެތެރެއިން ހަ ޓީމެވެ. އެއީ ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ. އެހެންނަމަވެސް މި ހަ ޓީމަކަށް ފުރުސަތު ލިބޭނީ ދެން އަންނަ އަހަރަުގެ ކޮލިފިކޭޝަން ފޭސް އިންނެވެ. މި އަހަރުގެ ކޮލިފިކޭޝަން ފޭސް އަކުން ފުރުސަތެއް ނުލިބޭނެއެވެ.

ނަތީޖާނެރުން މުހިންމު ލަންކާ މެޗަށް ރާއްޖެއިން މިއަދު ނުކުންނައިރު، ބްރޫނާއި މެޗަށްފަހު ވާހަކަދައްކަމުން ޒުވާން ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ބުނީ، ފުރަތަމަ މެޗުގައި ބުރޫނާއީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

އިލާން ބުނީ މި މެޗުގައި ރާއްޖެއަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށެވެ. ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ކަންބޮޑުވުން ހިއްސާކޮށް އިލާން ވަނީ އެކަމާއި، އަދިވެސް އިތުރު ކަންތައްތަކެއް ރަނގަޅުކުރަން ޖެހޭކަން ފާހަގަކޮށްފައެވެ.

މީގެއިތުރުން އިލާން ބުނީ ރާއްޖެއިން ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުންނާނީ ބްރޫނާއީ މެޗަށްވުރެ ވަރުގަދަކޮށް ކަމަށެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެއިން މިއަދު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 17:30ގައެވެ.