ޚަބަރު

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 2.5 ބިލިޔަން ރުފިޔާ


  • ޑިޕާޗަރ ޓެކުހުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ވަނީ ލިބިފައި

  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.28 ބިލިޔަން ރުފިޔާ

މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 2.5 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު 1.16 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު %7.7 އިތުރު އަދަދެކެވެ.

ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށްހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.28 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.18 ބިލިޔަން ރުފިޔާއެވެ. މިއީ %8.4 އިތުރު އަދަދެކެވެ.

މިއާއެކު، މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ޕީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 2.54 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ޕީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 2.34 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %8.5 އިތުރު އަދަދެކެވެ.

ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. އަދި މި ފީ ނަގަން ފަށާފައިވަނީ 2017ވަނަ އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ޑިޕާޗަރ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެއެވެ.

އެއަރޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީ އެއްކޮށް ރާއްޖޭގެ ސޮވެރިން ފަންޑަށް ދަނީ ޖަމާކުރަމުންނެވެ. މީގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީވެސް މިފަންޑަށް ދަނީ ޖަމާކުރަމުންނެވެ.