އިތުރު މާތް ނަބީ ކަލޭގެފާނުން މަދީނާގައި ބިންގައު އެޅުއްވި އިސްލާމީ ދައުލަތް، އައީ މީލާދީން 7 ވަނަ ޤަރުނުން ފެށިގެން ފުޅާވެ ކުރިއަރަމުންނެވެ. ފުތޫހާތުތަކާއެކު އެއިރުގެ ދުނިޔޭގައި އޮތް އެންމެ ބޮޑު ދެބާރު ކަމުގައިވާ ފާރިސީންނާއި ރޫމީންގެ މައްޗަށްވެސް ފަތަޙައާއި ކާމިޔާބު ހޯދަމުންނެވެ.
މިގޮތުން ރޫމީންގެ އަތުން ޝާމްކަރައާއި މިޞްރާއި އަދިވެސް އެފްރިކާގެ މުހިންމު އެތައް ސަރަޙައްދެއް އިސްލާމުން ވަނީ ފަތަޙަކޮށްފައެވެ. ހަމައެހެންމެ ފާރިސްކަރަވެސް އިސްލާމީ ދައުލަތުން ވަނީ ފަތަޙަކޮށްފައެވެ. މި އެންމެހައި ތަންތަނަކީ އިންޑިޔާ ކަނޑުގެ ވިޔަފާރިއާއި ގުޅިފައިވާ ދުނިޔޭގެ ބޮޑެތި ވިޔަފާރީގެ ޝަހަރުތައް އެޒަމާނުގައި ހުރި ތަންތަންވެސްމެއެވެ. މިހެންވުމުގެ ސަބަބުން ދުނިޔޭގެ އެންމެ މަޝްހޫރު ވިޔަފާރީގެ މަގުގައި ދެން އެންމެ ގިނައިން ހަރަކާތްތެރިވަމުން ދިޔަ ބަޔަކީ މުސްލިމު ވިޔަފާރިވެރިންކަމުގައި ވެސް ވެގެންދިޔައެވެ.
މީލާދުން 8 ވަނަ ޤަރުނު ފެށިގެން ދިޔައިރު، އިންޑިޔާ ކަނޑުގެ ވިޔަފާރީގެ ބޮޑު ބައެއްގެ ހިއްސާދާރުންނަކީ މުސްލިމު ވިޔަފާރިވެރިން ކަމުގައި ވަނީވެފައެވެ. ވިޔަފާރީގެ ބޭނުންތަކަށްޓަކައި މުސްލިމު ވިޔަފާރިވެރިން ކުރަމުން ގެންދިޔަ ދަތުރުތަކާއެކު ދުނިޔޭގެ އިރުމަތީގައިވާ ކަރަތަކަށްވެސް އިސްލާމީ ދައުވަތު އެއިރު ވަނީ ފޯރަންފަށާފައެވެ. އަދި ހަމަ އެހެންމެ ވިޔަފާރީގެ ބޭނުމަށްޓަކައި އިންޑިޔާ ބައްރުގެ ގޮނޑުދޮށުގައިވާ ޝަހަރުތަކުގައި މުސްލިމު ސާދާގަރުން ވަނީ ވަޒަންވެރިވާން ފަށާފައެވެ. މިގޮތަށް ވަޒަންވެރިވަމުން ދިޔަ މުސްލިމު ވިޔަފާރިވެރިންގެ ހަރުދަނާ އަޚުލާޤާ ވިޔަފާރީގެ ތެދުވެރިކަމަށްޓަކައި އެބައިމީހުން ތިބި ތަންތަނުގެ ރަސްރަސްކަލުންގެ ފުށުންވެސް އެބައިމީހުންނަށް ވަނީ ވަރަށް ބޮޑު މިނިވަންކަމެއްވެސް ލިއްބައިދީފައެވެ.
މިހެންވުމުގެ ސަބަބުން ދެކުނު އިންޑިޔާއާއި ސިލޯނު ފަދަ ތަންތަނުގައި ވިޔަފާރީގެ ބޭނުމަށް ވަޒަންވެރިވަމުން ދިޔަ މުސްލިމު ވިޔަފާރިވެރިން ދިޔައީ އެބަޔަކު ވަޒަންވެރިވެ ތިބި ތަންތަނުގައި ކައިވެނީގެ ގުޅުންތައްވެސް އުފައްދަމުންނެވެ. ދަރިކޮޅުތައްވެސް އާލާކުރަމުންނެވެ. އަދި ހަމައެހެންމެ އާއްމުންގެ މެދުގައި ދީން ތަބްލީޣުވެސް ކުރަމުންނެވެ.
މީލާދުން 8 ވަނަ ޤަރުނު ނިމިގެން ދިޔައިރު އިސްލާމީ ދައުވަތު ވަނީ ދުނިޔޭގެ މަޝްރިޤާއި މަޣުރިބަށް ފެތުރިފައެވެ. އިންޑިޔާ ކަނޑުގެ ކާރޫބާރޫ ވިޔަފާރީގެ ތެރެއިން އިސްލާމްދީން ތަބްލީޣު ކުރެއްވުމަށް ދަތުރު ކުރައްވަމުން ގެންދެވި ދަންނަބޭކަލުންނާއި ސައްޔާޙުންނާ އަދި އެނޫންވެސް ބޭބޭކަލުން ވަނީ އިތުރުވެފައެވެ.
ދިވެހިރާއްޖެއަކީ ވިޔަފާރީގެ މި މުހިންމު ކަނޑުގެ މެދުގައި އޮތް ޤައުމެކެވެ. ހުޅަނގާއި އިރުމަތި ގުޅައިދޭ މައި ދޮރޯށިވެސްމެއެވެ. މިހެންކަމުން އިންޑިޔާ ކަނޑުގެ ތެރޭގައި ފެތުރޭ ކޮންމެ ޚަބަރެއް ދިވެހިރާއްޖެއަށްވެސް ދަތުރު ކުރެއެވެ. މި ކަނޑުގެ ސަރަޙައްދު ދެކޭ ކޮންމެ އިންޤިލާބީ ބަދަލެއްގެ އަސަރުވެސް ދިވެހީންނަށް ފޯރަމުންދެއެވެ.
ފާރިސްކަރައިގެ ސިރަފާއި މިޞްރުފަދަ ތަންތަނަކީ ދިވެހިރާއްޖެ އިސްލާމުވުމުގެ މާކުރީން ޒަމާންތަކުން ފެށިގެންވެސް ދިވެހީން ދަތުރުކުރަމުން ގޮސްފައިވާ ތަންތަންނެވެ. މިހެންކަމުން އިސްލާމީ ދައުލަތުން މިޞްރާއި ފާރިސްކަރަ ފަތަޙަކޮށް އެކަރަތަކުގައި އިސްލާމްދީން ފެތުރިގެން ގޮސްފައިވާނީ ހަމަ ދިވެހީންގެ ލޯކުރިމަތީގައެވެ. އިސްލާމީ ހިދާޔަތުގެ ޚަބަރުތައް ދިވެހިރާއްޖެ އިސްލާމުވުމުގެ މާކުރިންވެސް ދިވެހީންނަށް ވާނީ އިވެންވެސް ފަށާފައެވެ.
އިސްލާމުން ފަތަޙަކުރި މިޞްރާއި ފާރިސްކަރައާއި އަދިވެސް އެފްރިކާގެ ދެން ހުރި ސަރަހައްދުތަކުން އިންޑިޔާ ބައްރުގެ ވިޔަފާރިވެރި ޝަހަރުތަކަށާއި އިރުމަތީގައިވާ އެކި ވިޔަފާރީގެ ޝަހަރުތަކަށް ދަތުރު ކުރުމުގައި ބޭނުންކުރާ އެންމެ މުހިންމު ޓްރާންސިޓު ބަނދަރަކީވެސް ހަމަ ދިވެހިރާއްޖެއެވެ. މިހެންކަމުން މީލާދުން 7 ވަނަ ޤަރުނުން ފެށިގެން ދިވެހިރާއްޖޭގެ އެކި ބަނދަރުތަކުގައި މިސްލިމު ވިޔަފާރިވެރިންގެ ނައުފަހަރުތައް ބަނދަރުކުރަންވެސް ވަނީ ފަށާފައެވެ.
މުސްލިމު ވިޔަފާރިވެރިންނާ އެތައް ދަންނަ ބޭކަލުންނެއް ވަނީ ދިވެހީންނާ ދިވެހިރާއްޖޭގެ ޚަބަރު، ދިވެހީން އިސްލާންވުމުގެ މާކުރީއްސުރެ ލިޔެ އާއްމުކޮށްފައެވެ. ދިވެހިރާއްޖެ އިސްލާމުވުމުގެ ދެތިން ސައްތަ އަހަރު ކުރިއްސުރެ އިސްލާމީ ފޮތްތަކުގައި ދިވެހީންގެ ވާހަކަ ލިޔެވުނު އެންމެ ބޮޑު ސަބަބަކީވެސް ހަމަ އިސްވެ ދެންނެވުނު ސަބަބެވެ.
މިހެންކަމުން މުސްލިމު ވިޔަފާރިވެރިން އިންޑިޔާ ކަނޑުގެ ވިޔަފާރީގެ ތެރޭގައި ޝާމިލުވެ އުޅޭން ފެއްޓި ޒަމާނުން ފެށިގެން ދިވެހިރާއްޖެއަށްވެސް ވާނީ އިސްލާމީ ހިދާޔަތް ފޯރާފައެވެ. އަދި ރާއްޖެއަކީވެސް މި ކަނޑުގެ ވިޔަފާރީގައި މުހިންމު ޓްރާންސިޓު ބަނދަރަކަށްވުމުގެ އިތުރުން މުހިންމު ވިޔަފާރީގެ މަރުކަޒެއްވެސްމެއެވެ. ވީމާ އެހެނިހެން ސަރަޙައްދުތަކުގައިވެސް މުސްލިމު ވިޔަފާރިވެރިން ވަގުތީ ގޮތުން ވަޒަންވެރިވަމުން ދިޔަ ފަދައިން އެދުވަސްވަރުގައި ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ހަމަ އެ އުސޫލުން މުސްލިމު ވިޔަފާރިވެރިން ވަޒަންވެރިވަމުން ގެންގޮސްފައިވާނޭކަމުގައި ބެލެވެއެވެ. އަދި ދިވެހި އާއްމުންގެ މެދުގައި އިސްލާމީ ނޫރު ފެތުރެން ފަށާފައިވެސް ވާނެކަމުގައި ބެލެވެއެވެ.
ދިވެހިރާއްޖެ އިސްލާމު ކުރެއްވި ބޭކަލަކާ ބެހޭ ގޮތުން ޒަމާނުއްސުރެ ދޫދޫމަތިން ކިޔަމުން އަންނަ ވާހަކައިގައިވެސް ބުނަމުން އައިސްފައިވަނީ އެބޭކަލަކީ ވިޔަފާރިކަމުގައި ދުއްވި ނަވަކުން މިރާއްޖެއަށް ދުރުވި ބޭކަލެއްކަމުގައެވެ.
މި ވާހަކައިގެ ތަފާތު ސީޣާތައް ހުރި ކަމުގައި ވިޔަސް އެ ހުރިހާ ސީޣާއެއްގައިވެސް މައިގަނޑުގޮތެއްގައި ބުނަމުން އައިސްފައި ވަނި އެއް ވާހަކައެކެވެ. އެ ފޯކުލޯރު ވާހަކައިގައި ކިޔާ ގޮތުންނަމަ އެބޭކަލަކު އެންމެ ފުރަތަމަ ދުރުވީ މާޅޮސް މަޑުލު އުތުރުބުރީ އަލިފުއްޓަށެވެ. އެރަށުގައި ހުންނަވާ އެރަށް އިސްލާން ކުޅައުމަށްފަހުގައި ދެން ދުރުވީ އެ އަތޮޅު ދެކުނުބުރީ ކެންދޫއަށެވެ. މިރަށް އިސްލާން ކުރެއްވުމަށްފަހު އެރަށު ރަކައި ކަލޯއާއެކު ދެން ދުރުވީ މާލެއަށް ކަމުގައިވެސްބުނެއެވެ. މި ފޯކުލޯރު ވާހަކައިގެ ރަންނަމާރީގެ ބައި ފެށެނީ މިހިސާބުންނެވެ.
އެންމެ ފުރަތަމަ އިސްލާންދީން ޤަބޫލުފުޅު ކުރައްވާ ރާއްޖޭގައި އިސްލާމީ ދައުލަތެއްގެ ބިންގައު އެޅުއްވި ރަސްކަލަކީ ސްވަސްތީ ސްރީ ތްރިބުވަނަ އާދިއްތަ މަހާރަދުންނެވެ. ދިވެހި ތާރީޚުގައި މި ރަސްގެފާނު މަޝްހޫރުވެފައި ވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ. އިސްލާންވެވަޑައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދީނަށް ގޮވާލެއްވުމަށްޓަކައި މި ރަސްގެފާނު ވަނީ އެކި އެކި ބޭފުޅުން ފޮނުއްވާފައެވެ. ހަމައެހެންމެ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ މިސްކިތްތައްވެސް ހަމަ އެދުވަސްވަރު އިމާރާތް ކުރައްވަން ފައްޓަވާފައެވެ.
މާލޭގައި ހުކުރު މިސްކިތަކާއި އިތުރު ދެ މިސްކިތެއް ބެހެއްޓެވިއެވެ. އަދި ނިލަންދެ އަތޮޅު ދެކުނުބުރީ ނިލަންދޫގައްޔާއި އައްޑު އަތޮޅު ގަމުގައިވެސް ވަނީ މިސްކިތްތައް ބަހައްޓަވާފައެވެ. ބުނެވޭ ގޮތުގައި މިރަސްގެފާނު 35 އަހަރު ދުވަހު ދިވެހި ތަޚުތުގައި ރެނދަލި ކުރެއްވިއެވެ. އަދި ޙައްޖު ދަތުރުފުޅަކަށް ނިކުމެވަޑައިގެންނެވުމަށްފަހު، ދެން އެ ރަސްގެފާނުގެ އެއްވެސް ޚަބަރެއް ރާއްޖެއަކަށް ލިބިފައި ނުވާކަމުގައިވެސް ބުނެވެއެވެ.
ދިވެހިރާއްޖެ އިސްލާންވުމާ ގުޅޭ ގޮތުން ފެންނަން އޮތް ތާރީޚީ އެންމެ ދުވަސްވީ އެއް ހެއްކަކީ މީލާދުން 1337 ވަނަ އަހަރުގެ ޖޫން ޖުލައި މަސްތެރޭގައި އައްސުލްޠާން އަހުމަދު ޝިހާބުއްދީނު ލިޔުއްވާ ބެހެއްޓެވި ފިލައެވެ. މި ފިލާ އެރަދުން ބެހެއްޓެވީ އެންމެ ފުރަތަމަ އިސްލާންވެވަޑައިގެންނެވި ރަދުންކަމުގައިވާ "ދަރުމަވަންތަ ރަސްގެފާނު" މާލޭގައި ބެހެއްޓެވި ހުކުރު މިސްކިތް ބައުވެގެން، ޝިހާބުއްދީން ރަދުންގެ ޒަމާނުގައި އަލުން ހުކުރު މިސްކިތް އައު ކުރައްވާފައެވެ.
އޭގައި ބަޔާންކޮށްފައިވާ ގޮތުން އިސްލާންދީން އެންމެ ފުރަތަމަ ޤަބޫލުފުޅު ކުރެއްވި ރަސްކަލަކީ ސުލްޠާން ދަރުމަސް މުހައްމަދު ބުނު އަބްދިﷲ އެވެ. އެރަސްގެފާނުގެ އިސްލާންވެވަޑައިގެންނެވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަސްތެރޭގައިކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މިއަދު މި ފާހަގަކުރަނީ އިސްލާމީ ދައުލަތެއްގެ ބިންގައު އެރަސްގެފާނު އެޅުއްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބާއެވެ. ފާއިތުވި 900 އަހަރުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ އިސްލާމީ ޢާލަމުގައި ފާހަގަވެވޭ ފަދަ މުހިންމު ތާރީޚީ ރަން ވަނަތަކެއް ހާސިލްކޮށްފައެވެ. ދެކުނު އޭޝިޔާއާއި ދެކުނު އޭޝިޔާގެ އިރުމަތީ ސަރަޙައްދުތައް އެކުލެވޭނޭހެން ދިވެހިރާއްޖެއަކީ މި ސަރަޙައްދުތަކުގައި އޮތް އެންމެ ގަދީމީ އިސްލާމީ ދައުލަތެވެ.
ދިވެހީންވަނީ އަމިއްލަވަންތަ ވަރުގަދަ އިސްލާމީ ހަޟާރަތެއްވެސް ބިނާކޮށްފައެވެ. ރީތި ފަރުމާތަކަށް ބިނާކޮށްފައިވާ މިސްކިތްތަކާ އެކި މޮޅެތި ޚައްތާތުންގެ ލިޔުންތަކާ ފަރުމާތަކުން ޒީނަތްކޮށްފައިވާ އެފަދަ މިސްކިތްތަކާ މަހާނަގައުތަކަކީ މި ޙަޟާރަތުގެ އަލިގަދަ ދަލީލުތަކެވެ. ދިވެހިން މިއަދު މިދެކޭ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ އަސްލަކީވެސް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތާއި އަލިކަމުގެ ނޫރެވެ.