ޚަބަރު

ބޭރުގެ ކޮންޓްރެކްޓަރުންގެ ނުފޫޒު ނިމުމަކަށް!


  • އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ވަނީ އިސްލާހު ގެނެސްފައި

  • ބޭރުގެ ކޮންޓްރެކްޓަރުން އަތުން %10 ނެގުމަށް ކަނޑައަޅާފައިވޭ

ރާއްޖޭގެ އިގްތިޞާދުު ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން ވަނީ ނިމުނު ހަފުތާގެ ތެރޭގައި ޤާނޫނުތަކަށް މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. މީގެ ތެރެއިން "އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު"އަށް ގެނައި އިސްލާހުތަކަކީ ރާއްޖޭގައި މަސައްކަތް ކުރާ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިތަކަށް ވަރަށް މުހިންމު އިސްލާހުތަކެކެވެ.

"އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު"އަށް އިސްލާހު ހުށަހެޅުއްވިއިރު ސަރުކާރުން ވަނީ މިއީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ޤާއިމުކުރެވޭނެ އިސްލާހެއް ކަމަށް ވިދާޅުވެފައެވެ. ކުރިން ޤާނޫނު އޮތް ގޮތުން ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި %5 ނަގާއިރު މީގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނަށް އެ ފަރާތްތަކާ ވާދަކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވެއެވެ.

ޤާނޫނުގައި އެންމެ ފުރަތަމަ އޮތީވެސް ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ބޭރުގެ ކޮންޓްރެކްޓަރުން އަތުން %10 ނެގުމަށް ކަނޑައަޅާފައެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި ޤާނޫނު އިސްލާހުކޮށް އެ އަދަދު %5 އަށް ކުޑަކުރީއެވެ. މީގެ ސަބަބުން ރާއްޖޭގައި ދިވެހި ކޮންޓްރެކްޓަރުންނަށް ހުރި ފުރުސަތުތައް ހަނިވެ، ބޭރުގެ ކޮންޓްރެކްޓަރުންގެ ނުފޫޒު އޮތީ ބޮޑުވެފައެވެ. ދިވެހި ކުންފުނިތަކަށްވުރެ ގިނައިން ބޭރުގެ ކޮންޓްރެކްޓަރުންނަށް ފުރުސަތުތައް ފަހިވެގެންދިޔައެވެ.

ޤާނޫނަށް ސަރުކާރުން މިފަހުން ގެނައި އިސްލާހުތަކާއެކު ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދެން ބޭރުގެ ކޮންޓްރެކްޓަރުން ދައްކަންޖެހޭނީ %10އެވެ. މިއީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ އިސްލާހެއްކަން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ މަސީއިންވެސް ވަނީ ފާހަގަކޮށް އެ އިސްލާހުތަކަށް މަރުޙަބާ ކިޔާފައެވެ.

ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްވެސް ވަނީ، ވިތުހޯލްޑިންގ ޓެކްސް، %10ގެ ރޭޓަށް އަލުން ގެނައުމަކީ ގެއްލިފައި އޮތް ހަމަހަމަކަން އިއާދަކޮށް، ދިވެހި ކޮންޓްރެކްޓަރުންނަށް އާމްދަނީގެ ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަކީ ކޯވިޑުގެ އާލަމީ ވަބާއަށްފަހު އެންމެ ބޮޑަށް ކުރިއަރަމުން އައި ދާއިރާއެވެ. އެ ދާއިރާ އިތުރަށް ކުރިއަރުވައި، އެ ދާއިރާގެ މަންފާ ދިވެހި ކުންފުނިތަކަށް ލިބިގެންދިޔުމަކީ އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެކެވެ.

ކުރިން ޤާނޫނު އޮތްގޮތުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކާފައިވާނަމަ، ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހުނު އާމްދަނީގެ އަދަދަކީ އެފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރާ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މި މާއްދާއަށްވެސް މިހާރު ވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން މިހާރު ޤާނޫނުގައި އޮތްނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީން އުނިކުރާ އަދަދަކީ، ވިތުހޯލްޑިންގ ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމަށް ބެލެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެފަރާތުގެ ޓެކްސް ބިނާކުރާ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީ ހިމަނައިގެން ނުވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ވިތުހޯލްޑިން ޓެކްސްއާ ގުޅިގެން ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ އިތުރުން ރާއްޖޭގެ އިގްތިސާދަށްވެސް ސީދާގޮތުން އޭގެ ފައިދާ ލިބިގެންދާނެއެވެ. ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ލަފާކުރައްވާފައިވާ ގޮތުގައި މި އިސްލާހުތަކާއެކު ޖުމްލަ 251 މިލިޔަން ރުފިޔާގެ އާމްދަނީއެއް ކޮންމެ އަހަރަކު ދައުލަތަށް ލިބޭނެއެވެ.