ކުދި ވިޔަފާރިތައް މިހާރަށްވުރެ ބޮޑަށް ބާރުވެރިކުރުވުމަށް އިތުރު މަސައްކަތްތައް ސަރުކާރުން ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ، އާއްމު ރައްޔިތުން އެމަނިކުފާނާއި ބައްދަލުކޮށް ކަންބޮޑުވުންތަކާއި ޚިޔާލު ހުށަހެޅުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި، އާއްމު ރައްޔިތަކު ދެއްކި ވާހަކަތަކަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައްޔިތުންގެ އަޑުގެ 4 ވަނަ އެޕިސޯޑުގައި، ރައީސާއި ބައްލުކުރި ވިޔަފާރިވެރިއަކު ކަންބޮޑުވުންތައް ޙިއްސާކުރީ ކުދި ވިޔަފާރިވެރިންނަށް މިހާރު ދިމާވާ ދަތިތަކާއި ގުޅޭގޮތުންނެވެ. ފާއިތުވި 10ވަރަކަށް އަހަރު، ހދ، ހއ، ށ.އަތޮޅުގައި ބޭކަރީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެ ވިޔަފާރިވެރިޔާ ފާހަގަކުރި ގޮތުގައި، މިހާރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނު ނަމަވެސް ރާއްޖޭގައި ވިއްކާ ބައެއް ތަކެތީގެ އަގުތަކަށް ބަދަލެއް އައިސްފައި ނުވާކަމަށެވެ. އެހެންކަމުން ވިޔަފާރީގެ ފައިދާއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާކަމަށް އޭނާ ބުންޏެވެ.
އޭނާ ފާހަގަކުރި ގޮތުގައި އެފަދަ ވިޔަފާރިތަކުން ތެލާއި ހަކަތައަށް ބޮޑު ހޭދައެއްކުރަންޖެހެއެވެ. އަދި ކާބޯތަކެއްޗާ ގުޅުން ހުރި ވިޔަފާރިތަކަށް ދިމާވާ އިތުރު ގޮންޖެހުންތަކަށްވެސް އޭނާ އަލިއަޅުވާލިއެވެ. އޭގެތެރޭގައި އެ ވިޔަފާރިތަކުން އުފައްދާ ބާވަތުގެ އުފެއްދުންތައް، ބޭރުން އަގުހެޔޮކޮށް ގެނައުމުން، ދިވެހި ވިޔަފާރިވެރިންނަށް ދަތިވާކަމަށް އޭނާ ބުންޏެވެ. ބޭރުގެ އުފެއްދުންތަކާ އަގުގެ ގޮތުން ދިވެހި ވިޔަފާރިތަކަށް ވާދަ ނުކުރެވޭ، ސަބަބަކީ ބޭރުން ރޯ މެޓީރިއަލް އެތެރެކޮށްގެން ބޭކަރީގެ ޚިދުމަތް ދޭންޖެހުންކަމަށް އޭނާ ފާހަގަކުރިއެވެ.
"ބިސްކޯދު ފާރޮށި ހުރިހާ އެއްޗެއް ޕެކޭޖްކޮށްގެން. އެންޓަރވަނީ ޒީރޯ ޓެކްސްގަ. ރޯ މެޓީރިއަލް އާއެއްޗެހި ވާއިރު ވީ ކާންޓް ކޮމްޕީޓް" އެ ވިޔަފާރިވެރިޔާ ފާހަގަކުރިއެވެ.
ރައީސް ވަނީ، އެ ޚިޔާލުތައް އަޑުއައްސަވާ، އެކަންކަމަށް ރިއާތްކުރައްވާނެކަމަށް ފާހަގަކުރައްވާފައެވެ.
އެ ވިޔަފާރިވެރިޔާ ފާހަގަކުރި ގޮތުގައި މި ސަރުކާރަކީ މިއީ ކުދި ވިޔަފާރިތަކަށް އެންމެ ފަހި ސަރުކާރެވެ .އެގޮތުން ފަންޑު ލިބުމާ، ބިދޭސީ މަސައްކަތްތެރިންނަށް ކޯޓާ ހޯދުމުގައި ރަނގަޅު އިންތިޒާމްތަކެއް މި ސަރުކާރުން ހަމަޖައްސާދީފައިވާކަމަށް އޭނާ ފާހަގަކުރިއެވެ.
ކުދި ވިޔަފާރިތައް އިތުރަށް ކުރިއަރުވާނެކަމުގެ ޔަޤީންކަން ރައީސް ޑރ.މުޢިއްޒު ދެއްވާފައިވާއިރު، ކުދި ވިޔަފާރިތަކާ ގުޅުންހުރި ރެގިއުލޭޓަރީ ފްރޭމްވަރކްތައް ރިވިއުކޮށް، ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ދަނީ ކުރައްވަމުންނެވެ. އަދި ސަރުކާރުގެ ޑިޖިޓަލް ސިޔާސަތާއެކު އުފެއްދުންތެރި އިޤްތިސާދެއް ޤާއިމްކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ.