އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކާއި ޔަހޫދީންގެ އިންޒާރުތަކާ ގުޅިގެން މެދުއިރުމަތީގެ ތެޔޮ ސަޕްލައިއަށް ބުރޫއަރައި، ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.
އެމެރިކާއިން އީރާނުގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް އަލުން ދޭންފެށި ވަރުގަދަ ޙަމަލާތަކާއި، ޔަހޫދީ ދައުލަތުން އީރާނަށް ދެމުންދާ އިންޒާރުތަކާ ގުޅިގެން، މެދުއިރުމަތިން ތެޔޮ ފޯރުކޮށްދިނުމަށް ހުރަސްއެޅިދާނެކަމުގެ ބިރު ބޮޑުވެ، ސާފުނުކުރާ ތެލުގެ އަގުތައް ފާއިތުވި ހަ ހަފުތާގެ އެންމެ މައްޗަށް އުފުލިއްޖެއެވެ.
މިގޮތުން ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ފީފާއަކުން 1.66 ޑޮލަރު (1.7 އިންސައްތަ) އުފުލި، 97.29 ޑޮލަރަށް އަރާފައިވާއިރު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަ މީޑިއޭޓް (ޑަބްލިޔުޓީއައި) ކްރޫޑްގެ އަގު ވަނީ 2.03 ޑޮލަރު (2.2 އިންސައްތަ) މައްޗަށް ގޮސް، ފީފާއަކުން 93.04 ޑޮލަރަށް އަރާފައެވެ. މިއީ ވިދިވިދިގެން ތެލުގެ އަގު މައްޗަށް ދިޔަ ހަތަރުވަނަ ދުވަހެވެ.
އިރާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، އެމެރިކާއިން އީރާނުގެ އެކި ސަރަޙައްދުތަކަށް ދިން ޙަމަލާތަކުގައި 18 މީހުން ޝަހީދުވެ، 108 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ކައިރީގައި އޮތް ކައިވެނި ޙަފްލާއަކަށް އަމާޒުކޮށް ދިން ޙަމަލާއެއްގައި އާންމުންގެ 4 މީހަކު ޝަހީދުވެ، 67 މީހުން ޒަޚަމްވި ހާދިސާ ހިމެނޭ ކަމަށް އީރާނުގެ ރެޑް ކްރެސެންޓުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން މި ޙަމަލާތަކުގައި އީރާނުގެ އަސްކަރީ ވައިގެ ބާރުގެ 3 ޕައިލެޓުން ޝަހީދުވެފައިވާ ކަމަށް އެކި މަސްދަރުތަކުން ރިޕޯޓުކޮށްފައިވެއެވެ. ހަނގުރާމަ ފެށުނުތާ ހަތް މަސް ފާއިތުވެފައިވާއިރު، މިއީ ޖުލައި މަހަށްފަހު އެމެރިކާއާއި އީރާނުގެ މެދުގައި ބަދަލުކުރެވުނު މިފަދަ އެންމެ ވަރުގަދަ ޙަމަލާތަކެވެ.
އަނެއްކޮޅުން، އީރާނުން ރައްދު ޙަމަލާއެއް ދީފިނަމަ، އެ ޤައުމުގެ އަސްކަރީ އަދި ޢުމްރާނީ ވަސީލަތްތަކުގެ އިތުރުން ހަކަތައިގެ މަރުކަޒުތައް ސުންނާފަތިކޮށްލާނެ ކަމަށް ޔަހޫދީ ދިފާޢީ ވަޒީރު ވަނީ އިންޒާރުދީފައެވެ. ސެކްސޯ ބޭންކުގެ މާކެޓް އެނަލިސްޓް އޯލޭ ހެންސަން ވިދާޅުވި ގޮތުގައި، ތެލުގެ އަގުތައް މިހާ ބޮޑަށް އުފުލެން ދިމާވި މައިގަނޑު ސަބަބަކީ ޔަހޫދީންގެ މި އިންޒާރުތަކެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދުވަނީ އަނެއްކާވެސް މަދުވެފައެވެ. އެގޮތުން އިއްޔެ އެ ސަރަޙައްދުން ދަތުރުކުރީ މުދާ އުފުލާ 6 އުޅަނދެވެ. އޭގެ ކުރީ ދުވަހު 11 އުޅަނދު ދަތުރުކޮށްފައިވާއިރު، މިއީ ދުވާލަކު ދަތުރުކުރާ އާންމު 13 އުޅަނދުގެ އަދަދަށްވުރެ ވަރަށް ބޮޑުތަން ދަށް އަދަދެކެވެ. ޔޫބީއެސްގެ އެނާޖީ އެނަލިސްޓް ޖިއޮވާނީ ސްޓައުނޯވޯ ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ތެޔޮ ރިޒާވް ދަށްވުމާއި މެދުއިރުމަތީގެ ނުތަނަވަސްކަމަކީ ތެލުގެ އަގު މަތީގައި ހިފެހެއްޓިފައިވާ މައިގަނޑު ސަބަބެވެ.
މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ޤަވާއިދުތަކާ ޚިލާފުވާ އުޅަނދުތައް ހިފަހައްޓައި ފިޔަވަޅު އަޅާނެ ކަމަށް ބުނެ، އީރާނުން ވަނީ އެ ޤައުމުގެ ޤަވާއިދުތަކަށް ބޯނުލަނބާ އުޅަނދުތަކުގެ ލިސްޓު އިތުރަށް ދިގުކޮށްފައެވެ.