ކުޅިވަރު

މުބާރާތްތަކަށް ބަދަލު ގެނެސް ކްރިކެޓް ކުޅުންތެރިންގެ މުސާރަ ބޮޑުކޮށްފި


ބަނގްލަދޭޝްގެ ކްރިކެޓް މުބާރާތްތަކަށް ބަދަލު ގެނެސް ގައުމީ ފެންވަރުގެ ކުޅުންތެރިންގެ މުސާރަ ބޮޑު ކޮށްފިއެވެ.

ބަނގްލަދޭޝްގެ ކްރިކެޓް ބޯޑުގެ ރައީސް ތަމީމް އިގްބާލް އިއުލާނު ކުރެއްވި އައު މުސާރައިގެ އޮނިގަނޑުވާ ގޮތުން އެއްވަނަ ދަރަޖައިގެ (ގައުމީ ފެންވަރުގެ) ކުޅުންތެރިންގެ މެޗު ފީ އަކީ މިހާރު ދޮޅު ލައްކަ ޓަކާ (އަށާރަ ހާސް އަށް ސަތޭހެ އައްޑިހަ ހަ ރުފިޔާ ސާޅީސް އެއްލާރި) އެވެ. މިއީ 50000 ޓަކާގެ ކުރިއެރުމެކެވެ.

އޭ ކެޓަގަރީގެ ކުޅުންތެރިންގެ މުސާރައަކީ މިހާރު އެއްލައްކަ ޓަކާ އެވެ. އަދި ގައުމީ ފެންވަރުގެ ކުޅުންތެރިން ކުޅޭ ޓުވެންޓީ20 މެޗުތަކުގެ ފީ އަކީ 40000 ޓަކާގެ ބަދަލުގައި 80000 އެވެ.

މި ބަދަލު އަވަހަށް ގެނައީ ބަނގްލަދޭޝް ޕްރެމިއާ ލީގު ފަސްވެ ކުޅުންތެރިންގެ އާމްދަނީ އަށް ހުރަސް އެޅުމުގެ ސަބަބުންނެވެ. ބަނގްލަދޭޝް ކްރިކެޓް ބޯޑުން މިހާރު ނިންމާފައިވަނީ ޕްރެމިއާ ލީގުގެ ބަދަލުގައި ތިން މުބާރާތެއް މި އަހަރު ބޭއްވުމަށެވެ. އެއީ ބަނގްލަދޭޝްގެ ކްރިކެޓް ލީގުގެ ހަތަރު ދުވަހުގެ މެޗުތަކާއި އެއް ދުވަހުގެ މެޗުތަކުގެ މުބާރާތެއްގެ އިތުރުން ޓުވެންޓީ20 މުބާރަތެވެ. މި މުބާރާތްތައް ބާއްވާނީ ފްރެންޗައިޒް އުސޫލުންނެވެ.

މީގެ އިތުރުން ބަނގްލަދޭޝް ކްރިކެޓް ބޯޑުން ވަނީ އަންހެން ކުޅުންތެރިންގެ މުސާރަ ވެސް ބޮޑުކޮށްފަ އެވެ. މި ގޮތުން ހަތަރު ދުވަގުގެ މެޗެއް ކުޅެފިނަމަ ގައުމީ ފެންވަރުގެ ކުޅުންތެރިންނަށް 20000ގެ ބަދަލުގައި 40000 ޓަކާ ލިބޭނެއެވެ. އެއް ދުވަހުގެ މެޗެއް ކުޅެފިނަމަ 15000 ޓަކާގެ ބަދަލުގައި 30000 ޓަކާ އަދި ޓުވެންޓީ20 މެޗެއް ކުޅެފިނަމަ 10000 ޓަކާގެ ބަދަލުގައި 20000 ޓަކާ ލިބޭނެއެވެ.

ކްރިކެޓް ބޯޑުގެ ރައީސް ވިދާޅުވީ މުސާރަތަކަށް ބަދަލު ގެނައީ ހަމައެކަނި ޕްރެމިއާ ލީގު ފެށުން ލަސްވުމުން ނޫން ކަމަށާއި މިއީ ދުރަށް ރާވައިގެން ގެންނަން ނިންމާފައިވާ ބަދަލެއް ކަމަށެވެ.

"މިއީ ބަދަލު ދިނުމެއް ނޫން. މިއީ ރޭވުންތެރިކަމާއެކު މުސާރަތަކަށް ބަދަލު ގެންނަން ކުރިން ވެސް ރާވަމު ދިޔަ ކަމެގެ ނިމުން. އަހަރުމެން މިތަނުގައި މިތިބެނީ ކުޅުންތެރިންނަށް އެހީވާން،" ތަމީމް ވިދާޅުވިއެވެ.