ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި ކުރީގެ ގައުމީ ކެޕްޓަން އިމްރާން ޚާނަށް ކަމޭހިތައި އިންސާނިއްޔަތުކަން އިސްކޮށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ދުނިޔޭގެ ކްރިކެޓް ކެޕްޓަނުން އަނެއްކާ ވެސް ގޮވާލައިފިއެވެ.
މިކަމަށް އެންމެ ފަހުން ގޮވާލީ ބަނގްލަދޭޝްގެ ކްރިކެޓް ބޯޑުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ސައީދު އަޝްރަފުލް ހައްގެވެ. އޭނާ މިފަދައިން ގޮވާލީ ދުނިޔޭގެ ކްރިކެޓް ޓީމުތަކުގެ ކުރީގެ 21 ކެޕްޓަނަކު މިކަމަށް އެދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒް ޝަރީފަށް ދެ ވަނަ ފަހަރަށް ލިޔުމުން ހުށަހަޅާފައިވަނިކޮށެވެ.
އުމުރުފުޅުން 73 އަހަރުގެ އިމްރާނުގެ ދިފާއުގައި ކްރިކެޓް ކެޕްޓަނުގެ ކުލަބުން ތެދުވީ އޭނާގެ ކަރާމާތް ގެއްލުވާލައި އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ޕާކިސްތާނުގެ ސަރުކާރުން އިހުމާލުވާ ކަމަށް އާއިލާއިން ތަކުރާރުކޮށް ބުނަމުންދާތީ އެވެ.
ކްރިކެޓް ކެޕްޓަނުން ވަނީ މީގެ ހަ މަސް ކުރިން ވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފަށް އިމްރާނުގެ ސިއްހީ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް ސިޓީ ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ އިމްރާނަކީ ކްރިކެޓް ލެޖެންޑެއް ކަމަށާއި އޭނާ އާއި ކްރިކެޓްގެ ގުޅުމަކީ ބައިނަލް އަގްވާމީ އިންތަކަށްވުރެ ދުރަށް ފެތުރިފައިވާ ގުޅުމެއް ކަމަށެވެ.
ޕާކިސްތާނުގެ ތަހްރީކޭ އިންސާފް ޕާޓީގެ ލީޑަރުގެ ގޮތުގައި އަދިވެސް ހުންނެވި އިމްރާނަކީ 1992 ވަނަ އަހަރު ވޯލްޑް ކަޕް ޕާކިސްތާނަށް ކާމިޔާބު ކޮށްދިން ކެޕްޓަނެވެ. އޭނާ ވެރިކަން ބަދަލުކޮށް ޖަލަށްލީ ހިޔާނާތުގެ ތުހުމަތުގަ އެވެ. އަދި އޭނާ އާއި އޭނާގެ ޕާޓީ ޕާކިސްތާނުގެ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ބޭސްފަރުވާ ނުދޭތީވެ އިމްރާނުގެ އެއް ލޮލުގެ ފެނުން ގާތްގަނޑަކަށް ގެއްލިފައިވާ ކަމަށް ވެސް އޭނާގެ އާއިލާއިން ބުނެ އެވެ. އަދި މިދިޔަ މަހު ހާލު ގޯސްވެ، ހޮސްޕިޓަލަށް ގެނެވުނު ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އަނބުރާ ޖަލަށް ގެންދިޔަ ހާދިސާއާ ގުޅިގެން، ކްރިކެޓް ކެޕްޓަނުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަމަވެސް އިމްރާން ޚާނަށް އިހުމާލުވަމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް ޕާކިސްތާނު ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ އަބަދުވެސް އެކަށީގެންވާ ފަރުވާ އާއި ޑޮކްޓަރުން އިމްރާނަށް ފަރުވާ ދިނުމުގައި ތިއްބަވާނެ ކަމަށެވެ. އަދި ބައެއް ހާލަތުގައި އިމްރާން އެދޭ ހޮސްޕިޓަލްތަކަށް ނުގެންދެވެނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.