ޚަބަރު

ޕޫލް އޭގެ އެއްވަނަ ހުރައަށް ދެވަނަ ޓީމުގެ ގޮތުގައި ޕޮލިސް ސެމީއަށް


  • ހުރާއިން ސެމީގެ ޖާގަ ކަށަވަރުކުރީ ސައްތައިން ސައްތަ ރެކޯޑަކާއެކު

  • ޕޮލިހުން ޔޫތު ނިއު ޖެނެރޭޝަން ބަލިކުރީ ސީދާ ތިން ސެޓުން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބާއްވާ އެސޯސިއޭޝަން ކަޕުގެ ޕޫލްއޭގައި ސައްތައިން ސައްތަ ރެކޯޑަކާއެކު ހުރާ ކޮމިއުނިޓީ ކުލަބުން ސެމީ ފައިނަލުގެ ޖާގަ ހޯދިއިރު، ދެވަނަ ޓީމުގެ ގޮތުގައި ޕޮލިސް ކުލަބްވެސް ސެމީއަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ހުރާއިން ވަނީ ޕޮލިސް އަތުން ސީދާ ތިން ސެޓުން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކުރިއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސިޓީ ފްރެންޑްސް ކުލަބްގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ.

ޕޫލްއޭގެ އެއްވަނަ ހުރާއަށް ލިބެނީ ތިން މެޗުން ހޯދި ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޕޮލިސް ކުލަބަށް ތިން މެޗުން ލިބެނީ ހަ ޕޮއިންޓެވެ. އަދި ޕޫލް އޭގެ ތިންވަނައިގައި އޮތް ސިޓީއަށް ތިން މެޗުން ތިން ޕޮއިންޓް ވަނީ ލިބިފައެވެ. ފުލުގައި އޮތް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ޕޮލިސް ކްލަބުން ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަސް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. ޔޫތު ނިއު ޖެނެރޭޝަންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-23، 25-11 އަދި 25-14 އިންނެވެ.

މީގެ އިތުރުން ހުރާއިން ސިޓީގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ހުރާއިން ގެންދިޔައީ، 25-23 އަދި 25-18 އިންނެވެ. އެކަމަކު ތިންވަނަ ސެޓުގައި ސިޓީއިން ވަނީ ހިތްވަރުކޮށް 22-25 އިން ސެޓު ކާމިޔާބުކޮށްފައެވެ. އެކަމަކު ޖެހިގެން އައި ހަތަރުވަނަ ސެޓުގައި ސިޓީން ފެނިގެންދިޔައީ ދަށް ކުޅުމުކެވެ. އޭގެ ފައިދާ ނަގައި ހުރާއިން ހަތަރުވަނަ ސެޓު ގެންދިޔައީ، 25-17 އިންނެވެ.