ދިވެހިރާއްޖޭގެ އިޤްތިސާދުގެ އެންމެ މުހިންމު އެއް ތަނބަކީ މަސްވެރިކަމުގެ ސިނާއަތެވެ. މި ސިނާއަތް ކުރިއެރުވުމުގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ އުމްރާނީ ތަރައްޤީތައް ގެނެވިފައި ނުވުމެވެ. މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީވެސް ޒަމާނާ އެއްވަރަށް މަސް ގަންނަ ފެސިލިޓީތައް ތަރައްޤީވެފައި ނެތުމެވެ. މަސް އުޅަނދުފަހަރު ތަރައްޤީވެ، ބާނާ މަސް އިތުރުވެގެންދިޔައިރު، މަސް ކިރުވޭނެ ފަދަ ޤާބިލްކަމެއް ނެތުމެވެ.
މަސްވެރިންގެ މި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ އުމްރާނީ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ކޯލްޑް ސްޓޯރޭޖުތައް ތަރައްޤީކުރުމުގެ މަޝްރޫއެވެ.
ކޯލްޑް ސްޓޯރޭޖަކީ ތާޒާކަން މަތީގައި ގިނަ އަދަދަކަށް މަސް ގަނޑުކޮށް ރައްކާކުރެވޭނެ ނިޒާމެކެވެ. މޫސުމީ ގޮތުން މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވާ ދުވަސްވަރު، މަސް ގަންނަ ކުންފުނިތަކުގެ ކެޕޭސިޓީ ފުރިގެން މަސްވެރިންގެ އަތުން މަސް ނުގަނެވޭ ހާލަތްތައް މީގެ ކުރިން ވަރަށް ގިނައިން ދިމާވެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖްތައް ޤާއިމުކުރުމުން، މަސްވެރިން ބާނާ މަސް ބޭކާރުވިޔަނުދީ އެއްކޮށް ގަނެ، ރައްކާކޮށްގެން ބޭރުގެ ބާޒާރުތަކަށް ރަނގަޅު އަގުގައި އެކްސްޕޯޓްކުރުމުގެ މަގުފަހިވެގެންދާނެއެވެ. މިއީ މަސްވެރިންގެ އާމްދަނީ އިތުރުވެ، ޤައުމީ އިޤްތިސާދަށްވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ.
މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދަނީ، އަތޮޅުތަކުގެ 7 ރަށެއްގައި 11,000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި، މީގެ ތެރެއިން އެންމެ އިސް މަޝްރޫއެއްގެ ގޮތުގައި ކުރިއަށްދަނީ ޅ. ފެލިވަރުގައި ތަރައްގީކުރާ 4,000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިއަހަރުގެ މަސްވެރިންގެ ދުވަހަށް އެތަން ހުޅުވައި، މަސްކިރުވުމުގެ ހިދުމަތް ދޭން ފެށުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.
މީގެ އިތުރުންވެސް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން މުހިންމު މަޝްރޫއުތަކެއް ސަރުކާރުން ދަނީ ހިންގަމުންނެވެ. އެގޮތުން ގއ. ކޫއްޑޫގައި 4,000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ގދ. ތިނަދޫގައި 1,000 ޓަނުގެ ފެސިލިޓީގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ސައުދީ ފަންޑުގެ ލޯނު އެހީގައި މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި އައިސް ޕްލާންޓެއް ހެދުމުގެ 25 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ކ. ކަނޑުއޮތްގިރީގައި 200 ޓަނުގެ ފެސިލިޓީއެއްގެ 15 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
ހއ. އިހަވަންދޫގައި 1,000 ޓަނުގެ ފެސިލިޓީ ހެދުމުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައިވާއިރު، ގިނަ އަދަދަކަށް ވަޅޯމަހާއި ހިކިމަސް އުފައްދާ ތ. ހިރިލަންދޫގައި 200 ޓަނުގެ ފެސިލިޓީއެއް ހެދުމަށް ކޮންޓްރެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ. މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކޯލްޑް ސްޓޯރޭޖުތައް މަދުވުމަކީ ރާއްޖޭގެ މަސްވެރިކަމަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މި މަޝްރޫއުތައް އެއްކޮށް ނިމިގެންދާއިރު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މަސް ކިރުވުމާއި ރައްކާކުރުމުގެ ދަތިތަކަށް އެދެވޭ ބޮޑު ހައްލެއް ލިބިގެންދާނެއެވެ. ސަރުކާރުގެ މި ނިންމެވުމަކީ މަސްވެރިންގެ އުންމީދުތަކާ ގުޅިފައިވާ، އަދި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުން ލިބޭ މަންފާ އިތުރުކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.