ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ބާއްވާ އިންތިޚާބު ފަސްކުރީ އެއްވެސް ސިޔާސީ މަގުޞަދެއް ހާސިލްކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި، އިންތިޚާބު ފަސްކުރީ ޝަކުވާތަކެއް ލިބުމުންކަމަށް އެ އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ނިމާލް ވަނީ ރައްޔިތުން ހުށަހަޅާފައިވާ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އެލްޖީއޭގެ ބޯޑަށް ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން މެންބަރުން އައްޔަން ކުރުމަށް ބާއްވާ އިންތިޚާބު ފަސްކުރުމަށް ނިންމެވި ސަބަބާ ގުޅޭގޮތުން އާންމުންގެ މީހަކު ވަނީ ސުވާލު އުފައްދާފައެވެ.
އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވީ މިދިޔަ އޯގަސްޓް މަހުގެ 8ވަނަ ދުވަހު ބާއްވަން ތާވަލުކުރި އިންތިޚާބު ފަސްކުރަން ޖެހުނީ ބައެއް ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ލިބުނު ޝަކުވާތަކެއްގެ ސަބަބުން ކަމަށެވެ. ވޯޓުފޮށިތައް އަތޮޅުތަކުގެ އެލްޖީއޭ ގޮފިތަކުގައި ބަހައްޓާފައިވާއިރު ބައެއް ކައުންސިލަރުން ވޯޓުލާން ހާޒިރުނުވެ އެތަނުގެ މުވައްޒަފުން ލައްވާ، ވޯޓުލުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބުނު ކަމަށް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ އެފަދަ އަމަލުތަކުގެ ސަބަބުން ބަދުނާމުވެގެންދާނީ އެލްޖީއޭ ކަމަށާއި އެހެންވެ އަތޮޅުތަކުގައި ބަހައްޓާ ފޮށިތައް ކައިރީގައި ހަރަކާތްތެރިވުމަށް އެލްޖީއޭގެ ހެޑް އޮފީހުގެ މުވައްޒަފުން ފޮނުވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އިންތިޚާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރިކަމަށް ބުނަމުންދިޔަ ނަމަވެސް އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
"ބައެއް ކައުންސިލްތަކުން ބުނީ އެ މީހުން އެބަ ރާވައޭ އިންތިޚާބުގައި ވޯޓުލާން ނުދާނެ. އެކަމަކު ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު އެލްޖީއޭގެ ބްރާންޗުތަކުގައި ތިބީމަ، އެ ބޭފުޅުން ބެލުމުގެ ދަށުގައި ދޯއޭ ވޯޓުފޮށިތައް ހުރީ. އެހެންވީމަ ނާންނަ މީހުންގެ ވޯޓުކަރުދާސް ތެރޭގައި ފާހަގަލާފަ ވޯޓާސް ރަޖިސްޓްރީން އޭނަ އައިކަން ފާހަގަކޮށްފައި، ދެން ވަރަށް ރަނގަޅެއް ނޫންހެއްޔޭ. ކައުންސިލަރުން ނުދެއޭ ވޯޓުލާކަށް. އެހެންވެ އެލްޖީއޭއިން އެ ބަދުނާމުން ސަލާމަތްވާން އިންތިޚާބު ފަސްކުރީ،" އެލްޖީއޭގެ ސީއީއޯ ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ އިންތިޚާބު ފަސްކުރުމުގެ ފަހަތުގައި އެއްވެސް ސިޔާސީ މަގުސަދެއް ހާސިލްކުރުމުގެ ނިޔަތެއް ނޯންނާނެ ކަމަށެވެ. މިހާރުވެސް އެލްޖީއޭގެ ބޯޑުގައި ތިއްބެވި މެންބަރުންނަކީ ކުރީ ސަރުކާރުން އައްޔަން ކުރައްވާފައިވާ މެންބަރުންކަމަށާއި އެ ބޭފުޅުންގެ ބަދަލުގައި މެންބަރުން އައްޔަން ކުރައްވަނީ އެ ބޭފުޅުންގެ މަޤާމުގެ މުއްދަތު ހަމަވުމުންކަމަށް ވިދާޅުވިއެވެ.
9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެލްޖީއޭގެ ބޯޑުގައި ތިއްބަވާނީ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުގެ އިތުރުން، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖުރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމުއިއްޔާގެ މެމްބަރެކެވެ.
އަދި ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.