ޚަބަރު

ޒުވާން ޤައުމީ ޓީމަށް ހޫނު މަރުހަބާއެއް


  • ރާއްޖެ ވަނީ ޑިވެލޮޕްމަންޓް ފޭސްއިން ކޮލިފައިން ފޭސްއަށް ޕްރޮމޯޓްވެފައި

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްއިން ކޮލިފައިން ފޭސްއަށް ކޮލިފައިވި ރާއްޖޭގެ ޒުވާން ގައުމީ ޓީމު އެނބުރި ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި މުބާރާތުގެ ކޮލިފައިން ފޭސް އިން ރާއްޖެ ޖާގަ ހޯދީ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެ ހިމެނުނު ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ. ރާއްޖެއިން މި ގްރޫޕްގެ ދެވަނަ ހޯދީ ބުރުނާއީ އާއި ސްރީލަންކާ ބަލިކޮށް ހޯދި ހަ ޕޮއިންޓާއެކުގައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުތީ ބުރުނާއީއާ ދެކޮޅަށެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ރާއްޖެއިން ސްރީ ލަންކާގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތައް ރާއްޖެއިން ފުރުމުގެ ކުރިން ޒުވާން ގައުމީ ޓީމުގެ ކޯޗު ޝާކިރު، "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ބުނީ މުބާރާތައް ރާއްޖެއިން ކަނޑައަޅާ ޓާގެޓަކީ ކޮލިފައުން ފޭސްއަށް ދިޔުން ކަމަށެވެ.

ޒުވާން ގައުމީ ޓީމަށް މާފަންނު ބަސް ޓާމިނަލުން މަރުހަބާ ކިޔުއްވީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރައްޒާގުއެވެ. މީގެ އިތުރުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ތޯރިގްއާ އެފްއޭއެމްގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ ކުރިން ޒުވާން ގައުމީ ޓީމުން ޑިވެލޮޕްމަންޓް ސްޓޭޖުގައި ދެއްކި ކުޅުމަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ތައުރީފުކުރައްވާފައެވެ.

ޓީމުން ކުރި ހިތްވަރަށް ސާބަސް ދެއްވަމުން ވަޒީރު ކުޅުންތެރިންނަށް އިލްތިމާސްކުރެއްވީ، ކުރިއަށް އޮތް ކޮލިފައިން ފޭހަށް ނުކުންނައިރު އިތުރު ހިތްވަރެއްލާ ޤައުމަށާއި ރާއްޖޭގެ ފުޓުބޯޅައަށް އިތުރު ކާމިޔާބީ ހޯދައިދިނުމަށެވެ. އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު އުފާކުރައްވާކަމަށާއި، ޓީމެއްގެ ގޮތުގައި އަބަދުވެސް ހިތްވަރާއެކު އިތުރު ކާމިޔާބީތަކަށް މަސައްކަތްކުރުމަށް ވަޒީރުވަނީ ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.