ޚަބަރު

ޕީއެސްއައިޕީއަށް ކުރި ޚަރަދު 3.8 ބިލިޔަން ރުފިޔާއަށް


  • އެންމެ ބޮޑު ޚަރަދެއްކުރީ އިޤްތިޞާދީ ދާއިރާއިން

  • އާންމު ޚިދުމަތުގެ ދާއިރާއިން 646.3 މިލިޔަން ރުފިޔާ ޚަރަދުކުރި

ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް ދައުލަތުގެ ބަޖެޓުން 3.8 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ސަރުކާރު ޚަރަދުގައި އާންމު އިޖުތިމާޢީ ހާލަތު ރަނގަޅު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ކުރާ ޚަރަދުގެ ތަފްޞީލް ވަނީ ހާމަކޮށްފައެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.3 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، މީގެ ތެރެއިން އޮގަސްޓު މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް 3.8 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ޚަރަދުކޮށްފައިވަނީ 5.4 ބިލިޔަން ރުފިޔާއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަކަށްވާއިރު، މި މަޝްރޫޢުތައް ވަނީ އެކި ދާއިރާތަކަށް ބަހާލާފައެވެ. ވަކިވަކި ދާއިރާތަކުން ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ އިޤްތިޞާދީ ދާއިރާއިންނެވެ. އެގޮތުން މި ދައިރާއިން ކުރި ޚަރަދު 1.6 ބިލިޔަނަށް އަރައެވެ. އިޤްތިޞާދީ ދާއިރާއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. އެއީ 1.3 ބިލިޔަން ރުފިޔާއެވެ.

ދައުލަތުގެ އާންމު ޚިދުމަތުގެ ދާއިރާއިން 646.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި މި ދާއިރާއިން ޚަރަދު ކޮށްފައިވަނީ، 355.4 މިލިޔަން ރުފިޔާއެވެ. މިދާއިރާއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ. މި ބަޔަށް 641.2 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކައެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓު މަހުގެ 27ގެ ނިޔަލަށް ބޯހިޔާވަހިކަމުގެ ދާއިރާއަށް 539 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއަށް ޚަރަދުކުރީ 261.4 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %106 އިތުރު ވުމެކެވެ.

ޞިއްޙީ ދާއިރާއަށް މި މުއްދަތުގެ ތެރޭގައި 242.6 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި މި ދާއިރާއަށް ހޭދަކޮށްފައިވަނީ، 220.6 މިލިޔަން ރުފިޔާއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، ޕީއެސްއައިޕީއަށް ކުރި ޚަރަދު ދަށްވުމަކީ، މަޝްރޫޢުތައް ހިންގުމުގެ ޚަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. ސަރުކާރުން ވަނީ، ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމުގައި މި އަހަރުން ފެށިގެން ފައިދާއަށް ބަލާނެކަން ހާމަކޮށްފައެވެ. އެގޮތުން އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމްކޮށް، އެ ފަންޑުގެ އެހީގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދިރާސާތައް ހެދުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.