ދިރާގު ދިވެހި ޕްރިމިއާ ލީގަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ އިތުބާރާއެކުގައި ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުރުޗާ ބުނެފިއެވެ.
ދިވެހި ޕްރިމިއާ ލީގު ހުޅުވާނީ މާޒިޔާއާ އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުންނެވެ. އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ މި މެޗަށް މާޒިޔާއިން ނުކުންނައިރު، މާޒިޔާއިން ވަނީ މި ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފައެވެ. އަދި ކަޕް ވިނާސް ކަޕުގައި މާޒިޔާއިން ވަނީ އޮޑީގެ މައްޗަށް ކުރިހޯދައިފައެވެ.
އޮޑި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ޓުރުޗާ ބުނީ ލީގަށް މާޒިޔާއިން އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން ކަޕް ވިނާސް ކަޕަށްފަހު ރަނގަޅަށް ޓީމު އެކުލަވާލެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށް ޓުރުޗާ ބުންޏެވެ.
ޓުރުޗާ ބުނީ މި ފަހަރުގެ ލީގަކީ މި ފަހުން ކުޅޭނެ އެންމެ ވާދަވެރި ލީގަށް ވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މި ފަހަރުގެ ލީގުގައި ތިބީ އެއްވަރެއްގެ ސްކޮޑުތަކެއް ކަމަށާއި، ކޮންމެ ޓީމަކުންވެސް ލީގަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޓުރުޗާ ބުނީ ލީގަށް ތައްޔާރުވާން ލިބުނު ވަގުތުގައި މާޒިޔާގެ ސްކޮޑުން ގިނަ ކުޅުންތެރިންތަކެއް ޒުވާން ގައުމީ ޓީމާއެކު އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ވާދަކުރަން ދިޔަ ކަމަށާއި، އެކަމަކު އެ ކުޅުންތެރިންވެސް މިހާރު ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.
މިދިޔަ ފަސް އަހަރުގެ ލީގު ޗެމްޕިއަން މާޒިޔާއިން މި އަހަރުގެ ލީގަށް ވެސް ނުކުންނާނީ ތަށި ދިފާއުކުރަން ކަމަށް ޓުރުޗާ ވަނީ ބުނެފައެވެ.