ޙުއްދައާ ނުލައި ބޭނުން ނުކުރެވޭނެ ކަމަށް އީރާނުން ކަނޑައަޅާފައިވާ ކަނޑުގެ ސަރަޙައްދު އެ ޤައުމުގެ ޖާބަހާރުން ފެށިގެން ގަލްފް އޮފް ޢުމާންއާއި ޢަރަބި ކަނޑުގެ ބައެއް ސަރަޙައްދުތައް ހިމެނޭ ގޮތަށް ފުޅާ ކޮށްފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.
ޙުއްދައާ ނުލައި ވަނުން މަނާ ސަރަޙައްދު އީރާނުން ފުޅާކޮށްފައި މި ވަނީ އީރާނުގެ ވިޔަފާރި އުޅަނދުފަހަރަށް އެމެރިކާއިން ހަމަލާތައް ދެމުންދާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. އީރާނުން ވަނީ އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އީރާާނުގެ އެންމެ މަތީ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ސެކެޓްރީ، މުޙްސިން ރިޒާއީ ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ހުރްމުޒް ކަނޑުއޮޅީގެ ބޭރަށް ޙުއްދައާ ނުލައި ބޭނުން ނުކުރެވޭނެ ކަމަށް އީރާނުން ކަނޑައަޅާފައިވާ ކަނޑުގެ ސަރަޙައްދު ފުޅާ ކުރާނެ ކަމަށް ސެޕްޓެމްބަރު މަހުގެ 6ވަނަ ދުވަހު ވިދާޅުވެފައެވެ.
އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ތަރުޖަމާނު ޙުސައިން މޮހޭބީ ވިދާޅުވީ ޙުއްދައާ ނުލައި ދަތުރުކުރުން މަނާ ކަނޑުގެ ސަރަހައްދު ފެށޭނީ ޖާބަހާރު ސަރަޙައްދުން ކަމަށާއި، ގަލްފް އޮފް ޢުމާންގެ ބަޔަކާއި ޢަރަބި ކަނޑުގެ ބައެއް ހިމެނޭ ގޮތަށް، ހުރްމުޒް ކަނޑުއޮޅިއަށް ދިޔުމަށް އޮންނަ މަގާ ދިމާލަށް އެ މަގު ފުޅާކޮށްފައިވާ ކަމަށެވެ.
ޙުސައިން މޮހޭބީ އިތުރަށް ވިދާޅުވީ އެންގުމަކާ ނުލައި އެއްވެސް އުޅަނދަކުން މަނާ ސަރަޙައްދަށް ވަދެއްޖެ ނަމަ އެ އުޅަނދަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ފަދަ އުޅަނދެއް ފަހުން ހުރަމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ބޭނުންވި ނަމަވެސް، ނުވަތަ އިންޝޫރެންސް ފަދަ ޚިދުމަތެެއް ހޯދުމަށް ބޭނުންވި ނަމަވެސް އީރާނުން އެ ޚިދުމަތެއް ފޯރުނުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުން މި ފަދަ އިޢުލާނެއް ކޮށްފައި މި ވަނީ ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ޢުމާންއާއެކު އެ ޤައުމުން ކުރަމުންދާ މަޝްވަރާތަކުގައި ރަނގަޅު ކުރިއެރުމެއް ލިބެމުންދާ ކަމަށް އެ ޤައުމުން ބުނެފައި ވަނިކޮށެވެ. އޭގެ އިތުރުން އީރާނުން ވަނީ ގަލްފް އޮފް ޢުމާންއާއި ޢަރަބި ކަނޑުގައި އީރާނުގެ އުޅަނދުފަހަރަށް އެމެރިކާއިން ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް، އެއީ އދގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށް ބުނެފައެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން ދެ ޤަައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތަށް ނުރައްކާވާ ކަމަށް އެ ޤައުމުން ބުނެއެވެ. އެމެރިކާގެ ހަމަލާތުކުގެ ބަދަލުގައި އީރާނުން ވެސް އަމިއްލަ ދިފާޢުގައި ރައްދު ހަމަލާތައް ދެމުންދާނެ ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ.