ޚަބަރު

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ، އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި


  • މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 24ގެ ނިޔަލަށް

  • އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް

ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް ދޭ މާލީ އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި އެހީއަކީ މިދިޔަ މަހު ޢާންމުކޮށްފައިވާ ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް މާލީ އެހީދިނުމުގެ އުޞޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ އެހީއެކެވެ. މި އުޞޫލުގެ ދަށުން ޙަރަކާތްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، މާލީ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ، މިއަދުން ފެށިގެން މިމަހުގެ 24ގެ ނިޔަލަށް އިތުރުކޮށްފައެވެ.

މި އެހީއަށް އެދި ހުށަހެޅޭނީ ކަނޑައެޅިފައިވާ އުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ޖަމްޢިއްޔާ އަދި ޖަމާޢަތްތަކަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ މަރުޙަލާތައް ބަހާލާފައިވަނީ، މައިގަނޑު ދެ ބަޔަކަށެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި، އިޢުލާނުކުރާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހެނީ "ކޮންސެޕްޓް ނޯޓް"އާއި، ޖަމްޢިއްޔާގެ ރަޖިސްޓްރޭޝަން ލިޔުމުގެ އިތުރުން އަސާސީ ޤަވާޢިދެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ ބައިވެރިވާ ހުރިހާ ޖަމްޢިއްޔާއެއްގެ ރަޖިސްޓްރީ ހުށަހަޅަން ޖެހޭނެއެވެ.

ދެވަނަ މަރުޙަލާއަށް ދާނީ، ފުރަތަމަ މަރުޙަލާއިން ޝޯޓްލިސްޓްވާ ފަރާތްތަކެވެ. ޝޯޓްލިސްޓްވިކަން އަންގާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި ތަފުޞީލީ ޕްރޮޕޯސަލާއި، ބަޖެޓުގެ ތަފްޞީލާއި ގުޅިގެން މަސައްކަތްކުރާނަމަ އެއްބަސްވުމާއި، މީގެކުރިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު އަދި މަޞްލަޙަތު ފުށުނާރާކަމުގެ ބަޔާން ހުށަހަޅަން ޖެހޭނެއެވެ.

ހުށަހެޅުންތަކާމެދު ޢަމަލުކުރުމަށް ހަމަޖެހިފައިވާ ތާވަލަށް ބަލާއިރު، ކޮންސެޕްޓް ނޯޓު ހުށަހެޅުމުގެ ސުންގަޑި ހަމަވާ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރާނެއެވެ. އަދި ދެވަނަ މަރުޙަލާގައި ފުލް ޕްރޮޕޯސަލް ހުށަހެޅުމަށް 14 ދުވަސް ދޭއިރު، އެހީ ލިބޭ ފަރާތްތައް ކަނޑައަޅައި އިޢުލާނުކުރާނީ ތަފްޞީލު ހުށަހެޅުންތަކުގެ ސުންގަޑި ހަމަވާތާ 60 ދުވަހުގެ ތެރޭގައެވެ.

މި މާލީ އެހީއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމާބެހޭ އިދާރާގެ ރަސްމީ އީމެއިލް މެދުވެރިކޮށެވެ.